27 Sep 2011, 18:11
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުތައް ފަށާނެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭ، ގްރޫޕް ބީ، ގްރޫޕް ސީ އަދި ގްރޫޕް ޑީ ގެ މެޗުތަކެވެ.
މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މެޗަކަށް ވެގެންދާނީ ބެޔާން މިއުނިކާއި ދެކޮޅަށް އަލަށް މިމުބާރާތަށް ކޮލިފައިވި މެންޗެސްޓާ ސިޓީ ބައްދަލު ކުރާ މެޗެވެ. ބެޔާން ގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗަކީ އެޓީމަށް މުހިންމު މެޗަކަށް ވެގެންދާނެއެވެ. އަނެއް ކޮޅުން ގްރޫޕްގެ އެއްވަނައަށް އަރަން ބޭނުންނަމަ މިމެޗަކީ މެންޗެސްޓާ ސިޓީއަށް ވެސް މުހިންމު މެޗަކަށް ވެގެންދާނެއެވެ.
ގްރޫޕް އޭގެ އެއްވަނާގައި ބެޔާން މިއުނިކް އުޅެނީ ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާ އެކުއެވެ. ބެޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި ވިޔަރެއާލް އަތުން ރަށުން ބޭރުގައި މޮޅުވީ 2-0 ލަނޑުންނެވެ. ނަޕޯލީއިން މެންޗެސްޓާ ސިޓީ ހިފެހެއްޓުމުން އެޓީމު އުޅެނީ ތިންވަނާގައި އެއް ޕޮއިންޓާ އެކުއެވެ. އެހެންކަމުން ރަށުން ބޭރުގައި ކުޅޭ މިމެޗުން މޮޅެއް ހޯދުމަކީ މެންޗެސްޓާ ސިޓީ އަށް ލިބޭނެ އިތުރު ލުޔަކަށް ވެގެންދާނެ އެވެ.
މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ބެޔާން ނުކުންނައިރު އެޓީމުގެ ފުރަތަމަ އެގާރައިން ފެނިދާނެ ކުޅުންތެރިންނަކީ މަނުއެލް ނޯޔާ (ކީޕަރު)، ހޮލްޖާ ބަޑްސްޓޫބާ، ޖެރޯމް ބޯޓެންގް، ފިލިޕް ލާމް، ރަފިންހާ، ބަސްޓިއަން ޝުވެންސްޓެއިގާ، ލުއިސް ގުސްތާވޯ ޑިއާސް، ނިލްސް ޕެޓަސަން، ޓޯނީ ކްރޫސް، ފްރޭންކް ރިބަރީ އަދި ތޯމަސް މުލާ އެވެ.
މެންޗެސްޓާ ސިޓީގެ ފުރަތަމަ އެގާރައިން ފެނިދާނެ ކުޅުންތެރިންނަކީ ޖޯ ހާޓް (ކީޕަރު)، ޖޯލިއާން ލެސްކޮޓް، ވިންސެންޓް ކޮމްޕަނީ، ގާކް ކްލިޗީ، މިކާ ރިޗާޑްސް، ގެރަތް ބެރީ، ޔާޔާ ޓޫރޭ، ސާމިރް ނަސްރީ، ޑޭވިޑް ސިލްވާ، އެޑިން ޖެކޯ އަދި ސާޖިއޯ އަގުއެރޯ އެވެ.
ބެޔާން މިއުނިކާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މިރޭ އިތުރު މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި އެވަނީ މިރޭ ކުޅޭ މެޗްތަކުގެ ތާވަލެވެ. ހުރިހާ މެޗުތަކެއް ވެސް ފެށޭނީ ރާއްޖޭ ގަޑިން 11:45 ގައެވެ.
ގްރޫޕް އޭ
ބެޔާން މިއުނިކް – މެންޗެސްޓާ ސިޓީ (ބެޔާން މިއުނިކުގެ އާލިއާންޒް އެރީނާ ސްޓޭޑިއަމްގައި)
ނަޕޯލީ – ވިޔަރެއާލް ( ނަޕޯލީގެ ސެން ޕައޮލޯ ސްޓޭޑިއަމްގައި)
ގްރޫޕް ބީ
ސީއެސްކޭއޭ މޮސްކޯ – އިންޓަމިލާން (ސީއެސްކޭއޭ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި)
ޓްރަބްޒަންސްޕޯ – ލިލޭ ( ޓްރަބްޒަންސްޕޯގެ ހުސެން އަވްނީ އާކެރް ސްޓޭޑިއަމްގައި)
ގްރޫޕް ސީ
މެންޗެސްޓާ ޔުނައިޓެޑް – އެފްސީ ބާސެލް (މެންޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި)
އޮޓެލުލް ގަލާޓީ – ބެންފީކާ (އޮޓެލުލް ގަލާޓީގެ ސްޓޭޑިއޮނަލް ނެޝަނަލް ބުޝާރަތް ސްޓޭޑިއަމްގައި)
ގްރޫޕް ޑީ
ރެއާލް މެޑްރިޑް – އަޔެކްސް އެމްސްޓެޑަމް (ރެއާކް މެޑްރިޑްގެ ސެންޓިއާގޯ ބެނަބާއޯ ސްޓޭޑިއަމްގައި)
ލިޔޯން – ޑައިނަމޯ ޒެގްރެބް (ލިޔޯންގެ ސްޓޭޑެ ޑީ ގާލޭންޑް ސްޓޭޑިއަމްގައި)