ރާއްޖެއާއެކު އިންޑިއާ އިން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލެޝް މިޝްރާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރާއެކު ސަފީރު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ރާއްޖެ- އިންޑިއާ ގޫޅުމާގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދު މިމަހުގެ 26 ގައި އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްޓަކައި ފޮރިން މިނިސްޓަރާއި ބައެއް ވަޒީރުން މި މަހުގެ 26 ން 28 އަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓަރާއި އިންޑިއާަ ސަފީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު އަކިލޭޝް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރުން އަދާކުރެއްވި މެހެމާނު ދާރީ އަށް ޝުކުރު އަދާކުރައްވައިފައެވެ.