19 Nov 2018, 18:13
ކޮރަޕްޝަނާ ދުރުވެތިބުމަށް ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެ ތިއްބެވުމަށް އެމަނިކުފާނުގެ ވަޒީރުންގެ ކިބައިން އެދިލައްވައިފައެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަންތައް ކުރިއަށް ދެންދިއުމަށް ވަނީ ނިންމައިފައެވެ. އެ މަސައްކަތްތައް އެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް ރައީސް ވަނީ ވަޒީރުންގެ ކިބައިން އެދިލައްވައިފައެވެ.
ސަރުކާރުގެ އިދާރާތަކުގެ ޙާލަތު ދެނެގަތުމަށް، ޓްރާންސިޝަން އޮފީހުން ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމެންޓާ ބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހާ ގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މަސައްކަތް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށްއަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި، އިދާރާތަކަށް ހިނގާ ޤަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާގުޅޭ މައުލޫމާތު ވެސް ވަނީ ވަޒީރުންނާ ވަނީ ހިއްސާކުރައްވައިފައެވެ.
ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ޤައުމީ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ކޮމިޓީތަކުން ހޯއްދެވި ހޯއްދެވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ ޙައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދުވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.