19 Nov 2018, 17:57
ފަތުރުވެރިންގެ މެދުގައި މަޝްހޫރު ކެނެރީ އައިލޭންޑްސްގެ ޓެނެރީފޭއަށް އަރަމުންދާ ތޫފާނުގެ ސަބަބުން ކަނޑުގަދަވެ، ބިޔަ ރާޅުތައް ދަނީ އެރަށަށް އަރަމުންނެވެ.
އެގޮތުން ޓެނެރީފޭގެ އުތުރުން އައްސޭރިފަށުގައި ހުރި އުސް އިމާރާތެއްގެ ތިން ވަނަ ފަންގިފިލަޔާ ހަމައަށް އަރާ ރާޅެއް، އެއިމާރާތުގެ ބެލްކަނީތައް "ދޮވެލާ" މަންޒަރު ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
Ola arrancando barandas en balcones en el Marisol de Mesa del mar, Tenerife ????????????????#FMACANARIASpic.twitter.com/4gdWSnDNvq
— Nelson J. Acosta ???? (@NelsonAcosta80)November 18, 2018
އެވީޑިއޯ ބެލި ބައެއް ފަރާތްތަކުން ވަނީ އެފަދަ ފޮޓޯއެއް ނެގުމަށް އެސަރަހައްދުގައި ހުރުމުގެ ނުރައްކާތެރި ކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ކަނޑު ގަދަ ވުމާ ގުޅިގެން ޓެނެރީފޭގެ ދެ ސަރަހައްދަކުން 39 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވީޑިއޯއިން ފެނިގެންދާ އިމާރާތުގެ 15 މީހުންވެސް ހިމެނެ އެވެ.
އަދި ބާކީ 24 މީހުން ބަދަލުކޮށްފައި ވަނީ ޓެނެރީފޭގެ ދެކުނުގައި ހުންނަ އިމާރާތަކުންނެވެ. އެއިމާރާތް ތެރެއަށް ފެން ވަދެ، އެތަނުގެ ލިފްޓު ހަލާކުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ. ނަމަވެސް ޓެނެރީފޭގެ އެމާޖެންސީ ސާވިސެސް އޮތީ އެލާޓުގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ޓެނެރީފޭއަށް އަރަމުންދާ ތޫފާނުގައި ގާތްގަނޑަކަށް ހަ މީޓަރު އުސް ރާޅުތައް އަރައި، ރަށަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ނަމަވެސް ލިބުނު ގެއްލުމުގެ އަގު އަދި ކަށަވަރު ކުރެވިފައި ނުވެ އެވެ.