19 Nov 2018, 16:53
ދ. މީދޫގެ ހިއްކި ސަރަހައްދުން ބިން ދޫކޮށް ފްލެޓް އަޅައި ދިނުމުގެ މަސައްކަތް ފައްްޓައި ދިނުމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެދިވަޑައިގެންފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މީދޫގެ ބިން ހިންކައިދީފަ އެވެ. މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ މީދޫއިން ހިއްކާފައި އޮތް ސަރަހައްދުގައި ބިން ދޫކުރުމާއި ފްލެޓްތައް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އެ މައްސައްކަތް ލަސްނުކޮށް ފެށުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން." ސިޔާމް ވިދާޅުވި އެވެ.
އޭގެ އިތުރުން މީދޫ ސުކޫލުގެ މަލްޓި ޕާޕާސް ހޯލު ކުޑަވުމުން ދަތިވެފައި ވާތީ އެ މަސައްކަތް ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފެށުމަށް ސިޔާމް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި އެ ދާއިރާގެ ބަނޑިދޫ ސުކޫލުގެ މަލްޓި ޕާޕާސް ހޯލުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސް ދިނުމަށް ސިޔާމް އެދިވަޑައިގަތެވެ.
މީދޫ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތް މިފަހަރު ހުށަހެޅި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އަދި އެ ދާއިރާގެ ރިނބުދޫ އަދި ހުޅުދެލީ ބަނދަރު ބޮޑު ކުރުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ސިޔާމް ވިދާޅުވީ އެމަނިކުފާނާއި ދާއިރާގެ ރައްޔިތުން ކުރި މަސައްކަތުން ބަޖެޓުގައި އެ މަސައްކަތް ހިމަނާފައިވާ ކަމަށެވެ.
އަދި ބަޖެޓުގައިވާ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންގޮސް ދިނުމަށް ސިޔާމް ވަނީ އެދިވަޑައިގެންފަ އެވެ.
ބަނޑިދޫގެ ނަރުދަމާގެ މަސައްކަތް މިފަހަރު ބަޖެޓުގައި ހިމަނާފައި ނުވާތީ ސިޔާމް އެކަން ފާހަގަކުރެއްވި އެވެ. ސިޔާމް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާ ރައްޔިތުންނަށް ހޯދައި ދިނުމަކީ އަސާސީ ހައްގެއް ކަމަށެވެ.
"މި ސަރުކާރު އައީ އަދި ކޮންމެ ސަރުކާރެއް ވެސް އަންނަނީ އަސާސީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ޓަކައ. އެެހެންވީމާ މި ބަޖެޓް ފޮތުގައި ބަޖެޓް ކޮމިޓީން ބަނޑިދޫގެ ބަނރަރާއި ނަރުދަމާގެ މަސައްކަތް ހިމެނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުގެ ރައްޔިތުން ދެކެން." ސިޔާމް ވިދާޅުވި އެވެ.