19 Nov 2018, 16:42
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުން މަޝްވަރާާކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުޗުއާ ތިއަން ޕޮ އަދި ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ ސިންގަޕޫރަކީ ދިވެހި ކިޔަވާ ކުދިންނާއި އާންމު ރައްޔިތުން ވަރަށް ގިނައިން ދިރިއުޅެމުންދާ ގައުމެއް ކަމަށެވެ.
އަދި އެބޭފުޅުންނަށް ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދެ ގައުމަށް ކޮށްދެވިދާނެ ކަންތައްތަކުގެ މައްޗަށް ފައިސަލްގެ ވާހަކަ ފުޅުގައި ވަނީ އަލިއަޅުވައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ފައިސަލް ވަނީ ސިންގަޕޫރުން މިހާތަނަށް ހޯދައިފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ ކާމިޔާބީތަކަށް ތައުރީފުކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެ ވެސް އިޖްތިމާއީ އަދި އިޤްތިޞާދީ ރޮނގުން އަދި ހާއްޞަ ގޮތެއްގައި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއެރުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފައިސަލް ވަނީ ފާޅުކުރައްވައިފަ އެވެ.
ސިންގަޕޫރުގެ ސަފީރު ވިދާޅުވީ، އެ ގައުމަކީ ރާއްޖޭގައި އިންވެސްޓްކުރާ އެންމެ ބޮޑު ގައުމުކަމަށާއި އަދި މިހާރު ވެސް އެގައުމުން ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގަން ފުރުޞަތު ރާއްޖެއަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން އިތުރަށް ވަނީ މަޝްވަރާކޮށްފަ އެވެ.