އެމްޑީޕީއާ އެކު އަދާލަތު ޕާޓީން ހަދާފައިވާ ކޯލިޝަނުން ވަކިވެއްޖެ ކަން ރަސްމީކޮށް އަދާލަތުން އެމްޑީޕީ އަށް އަންގައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސޮއިކުރައްވައި އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ އަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި 34 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ އަޣުލަބިއްޔަތުން އަދާލަތު ޕާޓީއާ އެކު އެމްޑީޕީން ހަދާފައިވާ މުއާހަދާ އުވާލުމަށް އެ ޕާޓީގެ ގަރާރަކުން ނިންމާފައިވާ ކަމަށާއި އަދި ކޯލިޝަން ރޫޅާލުމަށް ފަހު އެ ޕާޓީގެ ތަމްސީލުކުރާ އެއްވެސް ފަރާތެއް މިހާރު އެމްޑީޕީ ސަރުކާރުގައި ނުހުންނާނެ ކަމަށެވެ.

މިވަގުތު ސަރުކާރުގެ އިސް ދެ މަގާމެއް އަދާކުރައްވާ، ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލްބާރީގެ އިތުރުން ކުރީގެ އެ ޕާޓީގެ ރައީސް އައްޝައިހް ހުސެން ރަޝީދު އަހުމަދު ހިމެނި ވަޑައިގަންނަވަ އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މަގާމާ ބެހޭ ގޮތުން އަދާލަތު ޕާޓީން އަދި އެ ދެ ބޭފުޅުން ވެސް އެއްޗެއް ވިދާޅެއް ބުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އެ ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު އަދި މިހާތަނަށް ސަރުކާރުން އިސްތިއުފާ ދެއްވުމަށް އެދި ހުށަހަޅުއްވާފައިނުވާ ކަމަށާއި އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމެއް ވެސް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

"އަދާލަތުގެ އެ ނިންމުމާ ގުޅިގެން ސަރުކާރުގައި އެ ޕާޓީ ތަމްސީލް ކުރައްވާ ބޭފުޅަކު ހުންނެވުމަކީ މައްސަލައެއް ނޫން. އެހެން ޕާޓީތަކުގެ ބޭފުޅުން ވެސް އެބަތިއްބެވި އެގޮތަށް، އެހެންވެ އެކަމުގައި އެއްވެސް ފުށޫ އެރުއްމެއް ނެތް." ޒުހެއިރު ވިދާޅުވި އެވެ.

އަދާލަތު ޕާޓީން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން އުވައިލަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ސަރުކާރުން އިސްލާމް ދީނަށް އިޚުލާސް ތެރިކަން ކުޑަވުމާއި ގައުމުގެ އިސްތިޤްލާލާއި ސިޔާދަތަށް އިޙުތިރާމްނުކޮށް ރައްޔިތުންގެ ދިރި އުޅުމުގެ ޙާލަތު ދުވަހުން ދުވަހުން ދުވަހަށް ދަށަށް ގޮސް ގައުމުގެ އެންމެހާ ކަންތައްތައް ބޮއްސުންލައި އިސްލާޙަށް ވޯޓު ދެއްވި ދިވެހި ރައްޔިތުން މާޔޫސް ވާންޖެހޭ ކަންތައް ދިމާވުން ހިމެނޭ ކަމަށް އަދާލަތުން ވަނީ ބުނެފަ އެވެ.

އަދާލަތު ޕާޓީ އެމްޑީޕީ ކޯލިޝަނުން ވަކިވި މައްސަލާގައި އެމްޑީޕީން މިހާތަނަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.