19 Nov 2018, 15:41
ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)އެވެ.
އަބުޅޯ ހުށަހެޅުއްވި މައްސަލާގައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި ހަވާލުކުރެވިފައުިވާ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ބިޝާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ފަސް ސަބަބެއް އެ މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.
މަޖިލިސް މެމްބަރުން މިދިޔަ ސަރުކާރުން ހައްޔަރުކުރިއިރު، ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށް އެ މައްސަލާގައިވެއެވެ. އަދި ބިޝާމް މަސައްކަތް ކުރައްވާފައި ވަނީ ފުލުހުންގެ އިދާރާ އިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން ކަމަށް ވެސް އެ މައްސަލާގައިވެއެވެ.
އިޖުރާއަތާ ޚިލާފަށް މަޖިލީހުގެ މެމްބަރުން ހައްޔަރުކުރިއިރު، އެކަން ބަލައި އިޖުރާއަތާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންނަށް ބިޝާމް އަންގަވާފައިނުވާ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.
ޖިނާއީ ކުށްތަކުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި އަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް މަޖިލީހުގެ ބައެއް މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ބިޝާމް ހުއްޓުވާފައިނުވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.