19 Nov 2018, 14:36
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަންކޮށް، ކިޑްނީގައި އުފެދިފައިވާ ހިލަކޮޅެއް މުގުރާލައިފިއެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "ސަން" އަށް ވިދާޅުވީ އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ މުޅިން ކިޑްނީއިން ނުނެރެވޭ ކަމަށެވެ. އަދި އޮޕަރޭޝަންކުރުމަށް ފަހު މިހާރު ރޫމަށް ނެރެފައިވާ ކަމަށްވެސް އަދީބުގެ އަނބިކަނބަލުން ވިދާޅުވިއެވެ.
"ކިޑްނީގައިއިން ހިލައެއް މިހާރު ވަނީ މުގުރާލައިފައި. އެކަމު އަދި ބޭރެެއް ނުވޭ އެ ހިލައެއް. ދެން ޑޮކްޓަރު ވިދާޅުވީ ތިން ދުވަސް ފަހުން ސްޓޭބަލްވީމައޭ އެއްޗެއް ބުނަން އެނގޭނީ." ނަޝްވާ ވިދާޅުވިއެވެ.
އަދީބު އޮޕަރޭޝަން ކުރަން ވެއްދީ މިއަދު ހެނދުނު 8:30 އެހާކަންހާއިރުއެވެ. އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.
Adeeb’s been taken into the operation theater at 8:30 AM. Praying for him to have a successful surgery and recovery.pic.twitter.com/6K3Zfo8Slv
— Nash (@maryam_nashwa)November 19, 2018
އޭނާއަށް ލިބެން ޖެހޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް އަދީބުގެ ފަރާތުން ވަނީ މީގެ ކުރިން އެޗްއާރްސީއެމްއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އެޗްއާރްސީއެމްއިން ވަނީ އެކަމާ ގުޅިގެން އަދީބުގެ ބަޔާނެއްވެސް ނަގާފައެވެ.
އަދީބުގެ އަނބިކަނބަލުން ނަޝްވާ ވިދާޅުވެފައި ވަނީ ރާއްޖެއިން ލިބެން ހުރި ފަރުވާތައް ހޯއްދަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށްގެންދާނެ ތަހުގީގުތަކާ ކުރިމަތިލައްވަން އަދީބު ބޭނުންފުޅުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.