19 Nov 2018, 13:44
ރޫޅާލާފައި ހުރި ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލާއި ވަކަރު ބައިތަކަށް ފަރުވާތަކެއް ދޭންޖެހޭ ކަމަށް މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ގެންގޮސް ރޭވޭ ގޮތަށް ރާއްޖޭގައި ހުންނަ ހަމައެކަނި މިސްކިތެވެ.
އެ މިސްކިތް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސަލްޓާން ޕާކު ތަރައްގީކުރުމަށް ރޫޅާލި އެވެ. އެ ޕާކު ހުރި ތަނުގައި މިހާރު ހުންނަނީ ރަސްރަނި ބަގީޗާގެ ވިންޓާ ޕާކެވެ. މިސްކިތް ރޫޅާލުމަށް ފަހު އެ ސަރުކާރުން ބުނަމުން ދިޔައީ، އެ މިސްކިތުގެ ބައިތައް ހުރީ ހެރިޓޭޖު ޑިޕާޓްމެންޓުގައި ކަމަށެވެ.
Roolhaali Kalhuvakaru Miskithuge baithah mihaaru huree National Museum gai. E Miskiyy alun reyvumuge kurin hirigalashaa vakarah faruvaa dheyn jehey.@HeritageMVpic.twitter.com/tyscGTTs1H
— Yumna Maumoon (@yumna_maumoon)November 19, 2018
ޔާމީނުގެ ސަރުކާރުގައި ހެރިޓޭޖް ޑިޕާޓްމެންޓުގެ ވެރިއެއްގެ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ޔުމްނާ ހުންނެވި އިރު، އޭނާ އެމަގާމުން އިސްތިއުފާދެއްވީ ކަޅުވަކަރު މިސްކިތް ރުޅާލުމުގެ މައްސަލާގައި ހިތްހަމަޖެހިވަޑައިނުގަތުމުގެ ސަބަބުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަލަށް އުފެއްދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރި ޔުމްނާ މައުމޫން މިއަދު ވިދާޅުވީ ކަޅުވަކަރު މިސްކިތުގެ ބައިތައް ހުރީ ގައުމީ ދާރުލްއާސާރުގައި ކަމަށެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލާއި ވަކަރު ބައިތަކަށް ފަރުވާތަކެއް ދޭންޖެހޭ ކަމަށެވެ.
އެހެން ނަމަވެސް އެ ބައިތަކުގެ ހާލަތާއި، ދޭންޖެހޭ ފަރުވާތަކުގެ ތަފްސީލެއް މިނިސްޓަރު ޔުމްނާ ވިދާޅެއް ނުވެ އެވެ.
Ministry of Arts, Culture and Heritage ge dhashugai himeney department / division thakuge verinnaa miadhu badhdhalu kohlumaky alhugandah libunu ufaleh.@HeritageMV@DhivehiEkedamee@ArchivesMv@librarymvpic.twitter.com/y5A97LgXLK
— Yumna Maumoon (@yumna_maumoon)November 19, 2018
ކަޅުވަކަރު މިސްކިތް ހޯދައި، އަލުން ރޭވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެކެވެ. ނަމަވެސް އެ މިސްކިތް އަލުން ރާވާނީ ކޮން ތަނެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މިނިސްޓަރު ޔުމްނާ މިއަދު ވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ދަށުގައި ހިމެނޭ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކުގެ ވެރިންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ.
ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިމެނޭ އިދާރާތަކުގެ ތެރޭގައި ގައުމީ އަރުޝީފު، ދިވެހިބަހުގެ އެކެޑެމީ އަދި ގައުމީ ކުތުބުޚާނާ ހިމެނެ އެވެ.