27 Sep 2011, 17:47
ރާއްޖޭގައި އަނެއްކާ ވެސް އަންހެން ކުދިން ހިތާނުކުރުން އިތުރުވެފައިވާ ކަމުގެ އަޑުފެތުރިފައިވާ ނަމަވެސް، އަންހެންކުދިން ހިތާނުކުރާ ކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ޖެންޑާ ޑިޕާޓްމަންޓް އިން ބުނެފި އެވެ.
އަންހެން ކުދިން ހިތާނު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހޯޕް ފޯ ވިމެން ޖަމިއްޔާ އިން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރުގެ ނައިބު ފާތިމަތު އާފިޔާ ވިދާޅުވީ، މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ރަސްމީ ފަރާތްތަކުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކަށް އެކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މެންޑޭޓުގައިވާ ގޮތުން އަންހެނުންނަށް ދެވޭ އަނިޔާގެ ވަކި ވަކި މައްސަލަތައް ބަލާނީ އެކަމުގެ ރިޕޯޓު މިނިސްޓްރީއަށް ލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އެދިފައިވާނެ ]ހޯޕް ފޯ ވިމެން ޖަމިއްޔާ އަށް[ އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް، އެއްވެސް ހެއްކެއް ލިބިފައިވާނަމަ އަޅުގަނޑުމެންނާ ހިއްސާކުރަން. އަދި އަޅުގަނޑުމެންނާ އެއްކޮށް ބައްދަލުވުމަކަށް ވަޑައިގެން، މަސައްކަތް ކުރުމަށް ދައުވަތު އަރުވާފައިވާނީ،" ހެލްތުގެ ނައިބު ވިދާޅުވި އެވެ.
އާފިޔާ އަދި ވިދާޅުވީ، އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތައް ގުޅިގެން އަންހެންކުދިން ހިތާނުކުރުމުގެ ނުރައްކާތަކާ ގުޅޭ ގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން ވެސް ވަރަށް މުހިންމު ކަމަށެވެ.
ހޯޕް ފޯ ވިމެން ޖަމިއްޔާގެ ރައީސް އަދި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހްމަދު މިނިސްޓްރީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އަންހެން ކުދިން ހިތާނު ކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައިވެސް ފުޅާދާއިރާއެއްގައި ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް، އަނެއްކާވެސް ރާއްޖޭގައި އެކަން ކަރަމުން އަންނަ ކަމުގެ ނުރަސްމީ މައުލޫމާތު ލިބިފައިވާތީ އާއި އެކަމަށް ތާއީދުކޮށް ދީނީ އިލްމެވެރިން ވާހަކަދައްކަވާ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އަނީސާ އެދިވަޑައިގެންފައިވެ އެވެ.
އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ. ނަމަވެސް، އަދިވެސް ބައެއް ގަބީލާ ޖަމާއަތްތަކުގައި އަންހެން ކުދިން ހިތާނުކުރަމުން ގެންދެ އެވެ.