ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީ އެންމެ އަވަހަކަށް ފާސްކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަނގަކުރާ ދުވަހުގެ މުނާސަބަތާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނާ ގުޅުންހުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކާއި އާއިލާއާއި މުޖުތަމަޢު އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ފަރާތުން ވާ އިހުމާލުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާ އިރު، އެ މައްސަލަތަކުގެ ތެރެއިން 50 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތައް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެންކަމުން، ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެއަވަހަކަށް ފާސްކުރަންޖެހެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ މަރުކަޒުތައް ހިންގުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށާއި، މިކަމާގުޅޭ އިޖްރާޢުތައް ކަމާގުޅުންހުރި ފަރާތްތަކުން ފުރިހަމަކުރަންޖެހެ އެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމްއިން ވަނީ އަނިޔާއަށް ހުށަހެޅޭ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ނަފްސާނީ އެހީތެރިކަން ދެވޭނެ އިންތިޒާމެއް ޤާއިމުކުރަން ޖެހިފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

އަދި ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޓަކައި މިހާރު ޤާއިމުކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަށީގެންވާ ހަރުދަނާ ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައިވާކަމަށްވެސް އެޗްއާރުސީއެމްއިން ބުންޏެވެ.