19 Nov 2018, 11:22
ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން ނިންމު ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން އެދެފިއެވެ.
މައްސަލަ ބައްލަވާ ބެންޗު ބަދަލުކޮށްދޭން އީސީން އެދިފައި ވަނީ އިންސާފުވެރިކަމާއެކު މައްސަލަ ނިމިދާނެކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް އީސީން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
އެ މައްސަލަައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލްއެވެ. ފައިސަލްއަކީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރެވެ. ހުސައިން އަލީއަކީ، ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން، ރައީސް ޔާމީންގެ ސިޔާސީ މަގާމްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެހެންކަމުން އެކަމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި އެކަމަކީ މައްސަލަ އަދުލުވެރިކޮށް ނިމުމަށް އޮތް ހުރަހެއް ކަމަށް އީސީން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތީ އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުންކަން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައެވެ.