19 Nov 2018, 11:18
ބޮލީވުޑް ޖޯޑު ނޭހާ ދޫޕިއާއާއި އަންގަދް ބޭދީއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
ނޭހާ ވިހައިފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މުމްބާއީގައި ހުންނަ ކަރް ހޮސްޕިޓަލުގައެވެ.
ނޭހާ ވިހޭކަން އެ ދެމީހުންގެ ފަރާތުން އަދި ޔަގީންކޮށްދީފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި ދެމަފިރިންނަށް ގިނަބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. އޭގެތެރޭގައި ބޮލީވުޑް ފަންނާނުންވެސް ހިމެނެއެވެ.
ދެ މީހުންގެ އެކުވެރިއަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ދެމައިންގެ ހާލުވެސް ރަނގަޅެވެ. އަދި ކުއްޖަކު ލިބުމުން ނޭހާ އާއި އަންގަދް ތިބީ އުފަލުން ފޮޅިފައި ކަމަށެވެ.
ދަރިފުޅަށް ކިޔާނެ ނަމެއް އަދި ނިންމައިފައެއް ނުވެއެވެ.
ނޭހާއާއި އަންގަދު ކައިވެނި ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.