ޖުމްހޫރީ ދުވަހުގެ ހާއްސަ އިހުތިފާލުތައް އައްޑޫސިޓީގައި ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ޖުމްހޫރީ ދުވަހުގެ އިހުތިފާލުތައް އައްޑޫ ސިޓީގައި ފަށާނީ ނޮވެމްބަރު 11 ވަނަ ދުވަހު ހެނދުނު 6:00 ޖަހާއިރު ކަމަށާއި އެދުވަހު ރައީސުލް ޖުމްހޫރިއްޔާ އައްޑޫ ސިޓީގައި ހުންނަވައިގެން ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުތައް އައްޑު އަތޮޅަށް ގެންދަން ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އިންނެވެ.

ރައީސް އޮފީހުން ބުނީ މި ގޮތަށް ހަމަޖެއްސުމުން މީގެ ކުރިން ޖުމްހޫރީ ދުވަހު ސަރުކާރުން ދެއްވާ ޝަރަފްގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުމަށް ވަކި ޖަލްސާއެއް މާލޭގައި ބާއްވަވާނެ ކަމަށާއި އެ ޖަލްސާ ބާއްވާ ތާރީޚު، ފަހުން އާންމު ކުރާނެ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ސަގާފީ ތަރިކަ ކުރިއަރުވައި ރައްކާތެރި ކުރުމުގެ މަޤްޞަދުގައި، އެކިޤައުމުތަކުގެ ސަރުކާރުތައް ޙިއްޞާވާ ގޮތަށް އުފައްދާފައިވާ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް ސެންޓާ ފޯ ދަ ސްޓަޑީ އޮފް ދަ ޕްރިޒަވޭޝަން އެންޑް ރެސްޓޮރޭޝަން އޮފް ކަލްޗަރަލް ޕްރޮޕަޓީ (އައިސީސީއާރް.އޯއެމް)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްވެސް ވަނީ ނިންމާފަ އެވެ.