ކޭޕް ޓައުން (ނޮވެމްބަރު 19): ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ކުންފުންޏަކުން ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާގެ ކެމްޕެއިނަށް ހަދިޔާ ކުރި ފައިސާ އަނބުރާ ދެއްވަން ރައީސް ނިންމަވައިފި އެވެ.

މެނޭޖްމެންޓު ކުންފުންޏެއް ކަމަށްވާ އެފްރިކަން ގްލޯބަލް އޮޕަރޭޝަންސް (ބޮސާސާ)އިން ވަނީ ސަރުކާރުގެ ގިނަ އަދަދެއްގެ ކޮންޓުރެކްޓުތަކެއް ހޯދާފަ އެވެ. ނަމަވެސް އެކުންފުނީގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް، އެމައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.

ބޮސާސާއިން ރަމަފޯސާގެ ރިޔާސީ ކެމްޕެއިނަށް 35،000 ޑޮލަރު ހަދިޔާ ކުރި ކަމަށް ބުނާ ވާހަކަތައް އޭނާ ފުރަތަމަ ދޮގު ކުރެއްވި އެވެ. އަދި އެކުންފުނިން ދިން ފައިސާއަކީ ރަމަފޯސާގެ ދަރިކަލުންނާ އެކު ވިޔަފާރިކޮށް، އޭގެ ދަށުން ދިން ފައިސާ ކަމަށް މަޖިލީހުގައި ވިދާޅުވެފަ އެވެ.

ނަމަވެސް ފަހުން ޕާލިމެންޓަށް ފޮނުވި ލިޔުމެއްގައި ރަމަފޯސާ ވަނީ ބަސޯސާއިން ފައިސާ ދިނީ އޭނާގެ ރިޔާސީ ކެމްޕެއިނަށްކަން މިހާރު އެނގިވަޑައިގެންފި ކަމަށް ވިދާޅުވެފަ އެވެ.

"އެއީ އަޅުގަނޑަށް އެނގިގެން ހަދިޔާ ކުރި ފައިސާއެއް ނޫން. (ޕާލިމެންޓުގައި) ޖަވާބު ދިން އިރު އަޅުގަނޑަކަށް ނޭނގެ އެފައިސާ ހަދިޔާކޮށްފައިވާ ކަމެއް،" ރަމަފޯސާ ވިދާޅުވި އެވެ.

އަދި ރަމަފޯސާ ނިސްބަތްވެވަޑައިގަންނަވާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)އިން ވަނީ ބަސޯސާއިން ހަދިޔާ ކުރި ފައިސާ އަނބުރާ ދެއްވަން ރަމަފޯސާ ނިންމަވާފައިވާ ކަމަށް ބުނެފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދެއްވި ކުރީގެ ރައީސް ޖެކަބް ޒޫމާއަށް ފަހު، ރަމަފޯސާ ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާ އެކު އެވެ.