ފަސް ދޮޅަސް ފަސް އަހަރުން މަތީގެ މީހުންނަށް ވެރިކަން ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު އުވާލަން ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން މިއަދަށް އެޖެންޑާ ކޮށްފި އެވެ.

ފަސްދޮޅަސް ފަސް އަހަރު ވުމުން ވެރިކަން ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ އޭރު ވެރިކަން ކުރި ޕީޕީއެމުން، 2015ގައި ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހަކުންނެވެ.

އޭގެ ކުރިން ވެރިކަމަށް ކުރިމަތިލުމުގެ އެންމެ މަތީ އުމުރެއް ނޯވެ އެވެ.

ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހާ އެކު ކުރީގެ ރައީސް މައުމޫން އަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމަތިލުމުގެ ދޮރު ބަންދުވެގެން ދިޔަ އެވެ.

އެ އިސްލާހު އުވާލަން ހުށަހެޅީ ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހު އެވެ.

އޭގެ އިތުރުން، ޕީޕީއެމް އިން ހުށަހަޅައިގެން، ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިތުރު ކުރި ބައިތައް އުވާލަން ވެސް ޕީޕީއެމްގެ އެހެން މެމްބަރަކު ވަނީ މަޖިލީހަޅަން ނިންމާފަ އެވެ.

މި ދެ ބަދަލަކީ ވެސް މިހާރު ސަރުކާރު ހިންގާ، ގުޅިފައިވާ ޕާޓީތަކުން މީގެ ކުރިން ދެކޮޅު ހެދި ކަންތައްތަކެވެ. މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ވެރިކަން ހިންގާ ކޯލިޝަނުގަ އެވެ. ނަމަވެސް ގާނޫނު އަސާސީ އަށް އިސްލާހެއް ގެނައުމަށް ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވެ އެވެ.