މަރުޒޫގު ކިއައިދިނެވެ: " ކާބަފައިންގެ ކަންތައްތަކަކީ އެއްދަރިކޮޅުން އަނެއްދަރިކޮޅަށް ވާރުތަވަމުން ދިރެމުން ކުރިއަރަމުން އަންނަކަންކަމޭ ބުނެދީފައިއޮވެއެވެ. އެކަމަކު އެފަދަކަންކަމާއިމެދު ވިސްނާލައި ހެދިފައިނެތުމުގެ ސަބަބުން ދާދިފަހަކާ ޖެހެންދެންވެސް އެ ބުނުމުގެ އެއްވެސް ޔަގީންކަމެއް އޮތީ ނުލިބިއެވެ. އެކަމަކު ދިމާވިގޮތަކުން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން މިހާރުމިވަނީ އެވާހަކައިގެ ތެދުކަން ޝައްކަކާނުލައި ޔަގީންކުރެވި ހެޔޮހިތުން ގަބޫލު ކުރެވިފައެވެ.


އެއީ ތެދެކެވެ. އެކިލެގެފާނާއި އަނެއް ކިލެގެފާނަކީވެސް ފާހަގަކޮށްލެވޭވަރުގެ ތަނަވަސްކަމެއްގައި ވެއަތުކުރެއްވި އިއްޒަތްތެރިން
ކަމުގައި އެނގެން އެބައޮވެއެވެ. އެ ގަނޑުވަރުމަނިއްޕުޅާއި އަނެއްރަށު ރަދުންވެސް އެބޭބޭފުޅުންގެ ވަށައިގެން "ދީލަތި"ވެވަޑައިގަތޭ
ބުނެލަންކެރޭވަރަށް އެވާހަކަތައް އެބަސާބިތުކުރެވެއެވެ. އޭގެފަހުން ކަލޭގެފާނުންތަކުގެ ދުވަސްވަރުގައިވެސް އަތްމަތި އަނބުރާލެއްވި
ކަމުގައި ގަބޫލުކުރެވޭހާ ނިސާންތަކާއި ހެކިތައް ލިބެއެވެ. ކޮންމެއަކަސް މިފަދަ ކޮންމެ ވާހަކައެއްގެ ފަހަތުގައި ސުވާލުތަކެއް އެބަ ހުރެއެވެ. ބައެއްކަހަލަ ހަރުމީހުން އެސުވާލުތައް ކޮށްހަދައެވެ. އަނެއްބަޔަކު އެތެރެއަށް ހިންދާލައިގެން އަމިއްލައަށް ހަމަޖެހިލައިގެން
ތިބީއެވެ.

ސުވާލަކީ ހަމަ މިފަހަކަށް އައިސް މިހާރުވެސް އެތަކެއްމީހުން ކުރަމުންގެންދާ ސުވާލެވެ. އެސުވާލެއްގެ ސަބަބުން އަހަރެންގެ ވެސް މުޅި ދިރިއުޅުމާއި ވިސްނުން ބަދަލު ކުރަންޖެހުނު ބޮޑު ސުވާލެވެ. އާނއެކެވެ. އެފަދަ ކިލެގެ،މަނިއްޕުޅު،ކަލޭގެފާނުން ތަކާއި އަދިއެހެނިހެން ބޭބޭފުޅުންނަށް އެ މުއްސަނދިކަން ލިބުނީ ކިހިނެއް ކަމާއިމެދު އުފެދިފައިވާ ސުވާލެވެ. މިހާރު އަހަންނަށް ވަރަށްރަނގަޅަށް އެސުވާލެއްގެ ޖަވާބު އެނގި ފެނި ލިބިފައިވާ ސުވާލެވެ.

އަހަންނަކީ އެއްމެއާދައިގެ އާއިލާއަކަށް އުފަން ވަރަށްއާދައިގެ މީހަކީމެވެ. މާރަނގަޅު ކިއެވުމެއްވެސް ނުކިއެވި ބޮޑުވެ ޒުވާން
ވެގެން އައިދުވަސްވަރު ކިތަންމެފަހަރަކު އަމިއްލަހިތާހިހިތުގައި މުއްސަނދި އާއިލާއަކުން އައުދެވުނު ނަމައޭ ހިތާ އެކަމާ ދެރަވެ ވެއެވެ. ވިސްނާފިކުރު ކުރެވެވެއެވެ. އޭރުއެކުގައި ކުޅެ ދުވެ ހަދަންއުޅުނު ދެތިން ހަތަރު ކުދިންނަކީ ވެސް އަހަންނެކޭ އެއްކަހަލަ
ނިކަމެތި އެކުވެރިންނެވެ. އެއީވާނެގޮތްވެސްމެއެވެ. ގުޅިގެން އެކުގައި އުޅެވޭނީ އެއްފެންވަރެއްގެ ބައަކަށެވެ. މުއްސަނދި ކަމާއި ފަގީރު ދެރަ ނިކަމެތި ކަމަކާ ނުގުޅެވޭނެއެވެ. އެކުދިންގެ ތެރެއިންވެސް އައްޑޫއަލީ އަކީ އެއްމެ ބަލިކަށި ދެރަ ކުއްޖާއެވެ.
އެއިރު އަހަރެމެން ދެތިންކުދިންގެ ހިއްވަރުން ވަޒީފާވެސް ހޯދައިފީމެވެ. އެމީހަކަށް ލިބުނުވަޒީފާއެއްގައި އުޅެމުންގެންދިޔައީ
ވަރަށް އެކުވެރި އުފާވެރި ގޮތަކަށެވެ. މަސައްކަތްނިމުމުން އެއްމެން ބައްދަލުކޮށްލައި ގުޅުންބަދަހިކުރަމުންނެވެ. ކުރިމަގުގެ ރޭވުން
ތަކާމެދު އެކަކުއަނެކަކާ ވާހަކަ ދައްކާ މަޝްވަރާކުރަމުންނެވެ. މަޑުމަޑުން އަހަރެމެންގެ ހާލަތުބަދަލުވެ ތަނަވަސްވެގެން އަންނާނެ
ކަމުގެ ހުވަފެންތައްދެކެމުން މެއެވެ. އަހަރެއް ދެއަހަރެއްވީއިރުވެސް އަހަރެމެންގެ އެކުވެރިކަމާއި ގާތްކަމަކަށް ބުރުލެއް ލޮޅުމެއް
ނާރައެވެ. ލިބޭ މުސާރައިން ދެކޮޅުޖެހެމުން ނުޖެހެމުން އެކަމަކު ދިރިއުޅުމުގެ ތެރެއަށް ނިކުމެވެމުން ދިޔައެވެ.
ތަފާތު އުއްމީދެއް ހިތުގައި ތާޒާވަމުން ހެދެމުން އައެވެ.

އަހަރެމެން ތިންމީހުންނަށްމެ އެދުވަސްވަރު މަސައްކަތްކުރާތަން ބަދަލުވެ އެކަކު އަނެކަކާ ދުރުވެގެންދާން މަޖުބޫރު ވިއެވެ.
އަހަންނާއެކު ސަލީމްވެސް ދާންޖެހުނީ ދެކުނަށެވެ. އަހަރެންނަށް ދާންޖެހުނީ މަސްފެކުޓަރީއަކަށެވެ. ސަލީމު ދިއައީ އެހިސާބުގައި
އޮންނަ އެހެން ރަށެއްގައި ހުންނަ އިންޖީނުގެއެއްގެ މަސައްކަތަށެވެ. އައްޑޫއަލީ ހުރިގޮތަށް އޭނާގެ ވަޒީފާގައި ހުރީއެވެ. "

މިހާތަފުސީލުކޮށް ކިއައިދެންޏާ ވަރަށްދިގުވެދާނެކަމުގައި ބުނެފައި މަރުޒޫގު އެހިސާބުން ހިސާބަކަށް ކުރުކޮށްލިއެވެ.

" ދުވަސްތަކެއްގެ ފަހުން އަހަރެން ޗުއްޓީއެއްގައި މާލެއައިމެވެ. އެއިރު އަހަރެމެންގެ ކުރީގެ ގުޅުން މަޑުމަޑުން ކެނޑި
ޚަބަރެއްވެސް ނުކުރެވި، ނުވެސްލިބޭތާ ކުޑަދުވަސްކޮޅެއްވެދާނެއެވެ. އަހަރެންހުރީ އެއީ ވާނެގޮތްކަމުގައި ގަބޫލު ކޮށްގެންނެވެ.
މަށަށްވެސް މަގޭ ކަންތައްތަކައިގެން އުޅެފައި ވަގުތުނުވާކަން އިހުސާސްކުރެވޭތީ އެވެ. އެއްމެފަހުން ލިބުނުޚަބަރުތަކުގައި އެ
ދެމީހުންމެ ކައިވެނިވެސްކޮށްފިއެވެ. އައްޑޫއަލީއަށް ދަރިފުޅަކުވެސް ލިބިފައެވެ. އެއިރު އަހަރެންވެސް އައީ ކައިވަންޏަކަށް ދޮން
ކުރަމުންނެވެ. ކޮންމެއަކަސް ލިބޭ މުސާރަކޮޅުން އެގޮތަކަށް މިގޮތަކަށް ދެކޮޅު ޖައްސައިގެން އެއްކުރެވުނު ހަހާހެއްހާ ރުފިޔާ
ހިފައިގެން މާލެއައީ ކައިވަންޏަށް ތައްޔާރުވެލައި ރައްޓެހިންދެކެލުމުގެ ބޭނުމުގައެވެ. އަންނަވާހަކަ އެކަކަށްވެސް ނާންގަމެވެ.

އަހަރެންއައިބޯޓުން ފައިބައިގެން އެއްގަމަށް ހިނގައިގަތްތަނާ ކުރިމަތިން ފެނުނީ ވަރަށް ހެއޮވަރުގެ ރީތިރީތި ކުޑަކުޑަ
ކާރެކެވެ. ކާރުގެކުލައާއި ވައްތަރު ކަމުދިޔަވަރުން ބަލަހައްޓައިގެންހުރެވުނީ އަހަންނަކީ ވަރަށް ކުރިއްސުރެ ކާރެއް ލިބޭނެނަމަ
ކިހާ ރަނގަޅުހޭ ހިތަށްއަރާ މީހަކަށް ވާތީކަމަށްވުން ކައިރިއެވެ. ކުއްލިއަކަށް އެއްމެ މިހާރުގެ މުއްސަނދި ބޭފުޅަކު، ޒުވާނަކު
އައިސް ކާރުހުޅުވާލައިގެން އަރާއިށީނދެއްޖެއެވެ. ހިތަށްއެރިއެވެ. އަޅެ! މަގޮވައިގެން ދާނެނަމައެވެ. ދެން ކުއްލިއަކަށް މަގޭ
ދެލޯ ބޮޑުކޮށްލެވުނެވެ. ސިއްސައިގެން ގޮސް ތެޅިލެވުނެވެ. އެއީކާކުކަން ޔަގީންވީ އޭގެފަހުންނެވެ. އެއީ އައްޑޫ އަލީ އެވެ.

ގެއަށް ގޮސް ދަބަހާއި ފޮށި ބަހައްޓާފައި ސަލީމު ހޯދަންދެވުނީ އައްޑޫއަލީ ގެ ވާހަކަ އަހާނުލައި ކެއްނުކުރެވިގެނެވެ.
ސަލީމާއި ބައްދަލުވެ ވަނަވަރު އަހާއޮޅުންފިލުމުން ތަލިންކުޅުހިއްކާލި އެވެ. ދެލޯމުދުނަށް އަރައިގެން ދިޔައެވެ. ސަލީމު ބުނާ
ގޮތުން މިހާރު އައްޑޫއަލީ އަކީ މާލޭގައި އެއްމެ މުއްސަނދި ކޮށް އުޅޭ ޒުވާނުންގެ ތެރޭން އެކެކެވެ. ރީތި ކުޑަކުޑަ ކާރަކާއި
އިސްޕީޑުލާންޗެއް ގެންގުޅެއެވެ. ފޮނިކަމާއި، ދުރުހެލިކަމުން، މިހާރަކު ސަލީމަކާވެސް ގުޅުމެއްނެތް ކަމަށްބުންޏެވެ. ސަލީމު
މާލެއަށް ބަދަލުވީއިރުވެސް އައްޑޫއަލީ އަކީ ވަރަށް ފޯރައިގެން ހަމަޖެހިގެން އުޅޭ މީހެކޯލައެވެ. އަދި މިހާރު އޭނާގެ ފޯރުން
ތެރިކަން ވަރަށްބޮޑުކަމަށާއި އަދި މިފަހަރު އެހެރީ ކައުންސެލަރަކަށްވެސް ހޮވިފައޭ ކިޔައިދިނެވެ.

އެރޭ އަހަންނަކަށް ނުނިދުނެވެ. ތާކަށްދާހިތެއްވެސް ނުވިއެވެ. އޮށޯވެ އޮވެއޮވެ ފޫހިވެއްޖެއެވެ. އައްޑޫއަލީ އަށް އެފަދަ
ބަދަލެއްއައިސް މުއްސަނދިވެގެން ދިޔައީ ކިހިނެއް ކޮންގޮތަކަށް ކީއްވެގެންބާވައޭ ހިތަށް އަރާފައިބަމުން ދިޔަލެއް ގިނަކަމުން
އެއްމެފަހުން ތެދުވީއެވެ. ކޮންމެ ގޮތަކުންވެސް އައްޑޫއަލީ އާއި ބައްދަލުކޮށް އެވާހަކަ އަޙާލަން ނިންމައިގެން އެގެއަށް ދިޔަ
އީއެވެ. ސަލީމުގެ ފަރާތުން އެނގިފައިވާ ގޮތުގައި މިހާރު އައްޑޫއަލީ މާލޭގައި އުޅެނީ ވަރަށްމަދުންނެވެ. ދަރިފުޅު ލިބުނީވެސް އަންހެނުންނާއިއެކު ސިންގަޕޫރުގައި އުޅެނިކޮންނެވެ. މާލެއައިސް އުޅެނީ ވަޒީފާގެގޮތުންކަމުގައި ވިއަސް ޗުއްޓީގައި މުޅިންވެސް އުޅޭނީ ބޭރުގައި ކަމަށް ބުންޏެވެ. ކޮންމެއަކަސް އެގެއަށްގޮސް ވަދެ ބަލައިލިއިރު މީހަކުފެންނާކަށް ނެތެވެ. ސަލާންގޮވާގޮވާ
ޖަވާބެއްނުލިބުނެވެ. އައްޑޫއަލީ އަކީ ގާތްރައްޓެއްސެއްކަމުގައި ވާތީ މަޑުމަޑުން އެތެރެއަށް ވަންނަމުން ދިޔައީއެވެ. ތަޅަންމަތި
ފަރާތަށް ނުކުމެވެން ހުރިދޮރާއި ހަމައަށް ދެވުނު ތަނާ ކުޑަދޮރަކުން ކުކުރުމެއްގެ އަޑު އިވުނުހެންހީވެގެން ކަންފަތްދީ އެއަޑު
ރަނގަޅަށް އަހާލިއިރު، އެއީ ހަމަކުކުރުމެއްގެ އަޑެވެ. އިންސާނުންގައި ހުންނަ އަޑަށްވުރެ ބިއްލޫރިކަން ގަދަ ގޮތެއްހުރިކަން
ފާހަގަ ކުރެވުނުކަމުގައި ވިއަސް އެއީހަމަ ކުކުރާ އަޑުކަން ކަށަވަރުވިއެވެ."

މިހިސާބަށް ކިޔާދީފައި މަރުޒޫގު ހީލިއެވެ. ދެން އެވަގުތު އެއަޑާއި ގުޅިގެން އޭނާގެ ހިތަށްއެރި ލާނެތް ޚިޔާލުތަކުގެ ވާހަކަ ސިއްރުސިއްރުން ބުނެލާފައި ހަމަބާރަށް ހީގަތެވެ. އެއަށްފަހު ވާހަކަ ކުރިޔަށްގެންދިޔައެވެ.

" އެހިސާބުން މިއަޑަކާ މިވާގޮތެއް ކޮންމެހެންވެސް ބަލަން ގަސްތު ކުރެވުނީއެވެ. ވަރަށްމަސައްކަތުން އެކޮޓަރީގެ އަނެއް ފަރާތުގައި ހުރި ދޮރަކާހަމައަށްދެވިއްޖެ އެވެ. ނަސީބުރަނގަޅުކަމުން ދޮރުފަތުގައި ހުރިތަޅުގެ ތަޅުދަނޑިވަޅުން އެދިމާ އެތެރެ ފެންނަން އޮތެވެ. އެވަގުތު އެކޮޓަރީގެ އެތެރެފެނުމާއެކު އަހަންނަށްވީގޮތް ކިޔާދޭކަށްވެސް ނޭނގޭނެއެވެ. މީހާ ގަނޑުވިއެވެ. ނޭވާވެސް ލާން ނޭގިފައިހުރެވުނޭ ބުންޏަސް ދޮގަކަށްނުވާނެ އެވެ. އެތެރޭގައި ހުރީ އައްޑޫ އަލީ އެވެ. އަތްމަތިއަވަސްކޮށް އެނދުގެ ފައިލާކޮޅުން ނޫޓުތައް އެއްކޮށް ގުނާފައި ބަންޑެލި ކުރަނީއެވެ. ފިސާރި ރަނގަޅަށް ދެލޯ ބޮޑުކޮށްފައި އެނދަށް ބަލައިލުމުން އެވާގޮތް ފެނި އެނގުނެވެ. ގަބޫލުކުރިއަސް ނުކުރިއަސް އަހަރެންނަށްފެނުނީ އެނދުގައި ބާއްވާފައިއޮތް 500 ރުފިޔާގެ ނޫޓެކެވެ. އޭނޫޓުގެ މެދާއި ދިމާލުން އޮތީ އުފުލި ބަނޑެއް ހެން ފުފިފަ އެވެ. އެއިވޭ ކުކުރާލާ އަޑަކީ އެ ނޫޓުން ނިކުންނަ އަޑެކެވެ. ދަތި ގޮތަކަށް އު އު އޫނ އަޅުވާލާ ކޮންމެފަހަރަކު ތިރީކޮޅުން ފައިބައިގަންނަނީ ހުސް ފައްސަތޭކައިގެ ނޫޓެވެ. އައްޑޫ އަލީ އިރުއިރުކޮޅާ ހެންއެނދުގައި ބާއްވާފައިއޮތް އެނޫޓުގެ ބަނޑުގައި އަތްފިރުމާލައެވެ. އެއިރު ކައިރީގައި ހުރިމޭޒެއްގެ މަތީގައި ބަންޑެލިޖަހާފައިހުރިނޫޓުތައް ހުއްޓެވެ. ލަފާކުރެވޭ ގޮތުގައި ތިންހަތަރުސަތޭކައެއްހާ ބޮނޑި އޭރުވެސް ހުންނާނެއެވެ.

އައްޑޫ އަލީ ނޫޓުގެ ފޫޅުމައިކަން ކުރަމުންގެންދާ މިމަންޒަރު ފެނުމުން އަހަރެންގެ ކުރިމަތީގައި އެހާތަނަށް އޮތް ހުރިހާ ސުވާލުތަކުގެ ޖަވާބު އަހަންނަށް ލިބުނުކަހަލައެވެ. އެކިލެގެފާނުމެން، މަނިއްޕުޅުން،ކަލޭފާނުންތަކާއި އަދިމިއުޅުއްވާ އެކިވަކި ބޭބޭފުޅުން ނާއި ދޭތެރޭ ކުރެވުނު ޚިޔާނަތްތެރިވެގެން ފައިސާހޯދާ ކަމުގެ ކުށްހީ މުޅިންފިލައި ދިޔައެވެ.

އެވާގޮތަކީ އެފަދަ ފަރާތްތަކަށް ނޫޓުވިއްސަން އެނގެނީއެވެ. އޭގެ ބަނޑުބޮޑުކުރަން ދަންނަނީއެވެ. ދެން ފޫޅުމައިކަންވެސް އެނގިގެން އެނޫޓުތައް ވިއްސަނީއެވެ. އެއީ ސަރުކާރުގެ ޚަޒާނާއިން ނުހައްގުން ވަގަށްނަގާފައިސާ އެއްނޫންކަން މިހާރު އަހަންނަށް ކަށަވަރެވެ. އައްޑޫ އަލީ ވެސް އެހެދިގޮތަށެވެ. މިހާރުދެން ނޭނގި އޮތީ ހަމަ އެއްމެ ކަމެކެވެ. އެއީ 500 ރުފިޔާގެ ނޫޓު ބަނޑުބޮޑުކުރަން ހަދާގޮތެވެ. މިހެންއުޅެނިކޮށް އުޅެނިކޮށް އެކަންކުރަން މަށަށްވެސް އެނގިދާނެ ތޯއްޗެކެވެ. "

އެއަށްފަހު ބޮޑުމާސިންގާ ދޯ! އެއްމަށަށްދެމުން މަރުޒޫގު ނިކުމެގެން ދިޔައީއެވެ.