"ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު އީދުން އެނގިގެން ދިޔައީ ރައްޔިތުން ތިބީ އެކުވެރިކަމާއި ދުޅަހެޔޮކަމާ އެކު ކުރިއަށް ދާން ބޭނުންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކަމިކުފާނު ބާއްވާފައި ވަނީ އާންމުމަށް ހުޅުވާލައިގެން ބޮޑު ކުޅިވަރު އީދެކެވެ. އެއް ނަމްބަރު ރަސްމީ ފާލަން ކައިރީގައި މާލޭ ފަޅުތެރޭގައި ފެއްޓި މޫދު ކުޅިވަރުގެ ހަރަކާތްތައް މާލޭގެ ހަތަރު ސަރަހައްދެއްގައި ބޭއްވި އެވެ.

ކުޅިވަރު އީދުގައި ވޮލީބޯޅަ، ސްކޭޓިން، ސާފިން، ދުވުން އަދި އޭގެ އިތުރުން ވެސް ގިނަ ކުޅިވަރުތަކެއް ފެނިގެން ދިޔަ އެވެ. އެ ހަރަކާތްތަކުގައި 17 ކުޅިވަރު އެސޯސިއޭޝަނަކާއި، 15 ޖަމިއްޔާއެއް ވަނީ ބައިވެރިވެފަ އެވެ.

"ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު އީދުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ހަރަކާތްތައް ނިންމާލެއްވުމަށް ފަހު މާފަންނު ސްޓޭޑިއަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ އެ ހަރަކާތްތައް ބޭއްވުނީ އެތައް ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

"އަޅުގަނޑަށް ފެނިގެން ދިޔައީ ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތުގައި އަދި އެކުވެރިކަމާ އެކީގައި ކުރި އަށް ދާން ތިބި ރައްޔިތުންތަކެއް ތިބި ތަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެމަނިކުފާނު ވަނީ އެފަދަ ބޮޑު ކުޅިވަރު ހަރަކާތެއް ކުރިއަށް އޮތްތަނުގައި ބާއްވަން ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ އިތުރު އިވެންޓުތައް އަދިވެސް ބާއްވާނެ ކަމަށެވ.ެ

ރައީސްއިބޫ، ބައިވެރިވެވަޑައިގެންނެވީ ވޮލީގަ އެވެ. އެމަނިކުފާނު ވޮލީ ކުޅުއްވީ އާޓިފިޝަލް ބީޗުގަ އެވެ. ނައިބު ރައީސް ވޮލީ އާއި ބަށި، އަދި މޫދު ކުޅުވަރިތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ފެތުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ޖެޓްސްކީ ވެސް ދުއްވި އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ޖެޓްސްކީ ދުއްވަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ކުޅިވަރު އީދުގައި އަލަށް އައްޔަން ކުރި ޔުޓް އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްފޫލުވެސް އެ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން އެ ހަރަކާތުގައި ބައިވެރިވާ ކަމަށާއި ކުޅިވަރުގެ އާއިލާއާ އެކު އެފަދަ ހަރަކާތެއްގައި ބައިވެރިވެވޭތި އުފާ ކުރައްވާ ކަމަށެވެ.

ކުޅިވަރު އީދުގެ ދަށުން ކުޅޭ ހާއްސަ ފުޓުބޯޅަ މެޗުތަކެއް މާދަމާ ރޭ ކުޅޭނެ އެވެ. އެގޮތުން ސިޔާސީ ބޭފުޅުންގެ މެޗުގައި ރައީސް އިބޫ ކެޕްޓަންކަން ކުރައްވާ ޓީމުގައި ކުރީގެ ރައީސް ނަޝީދު، އަދި ހޯމް މިނިސްޓަރު އިމްރާން ހިމެނިވަޑައިގަންނަވަ އެވެ. ގާސިމް ކެޕްޓަންކަން ކުރައްވާ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި ފާރިސް މައުމޫނެވެ.