18 Nov 2018, 23:27
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިރޭ އިސްކަންދަރު ކޮށީގަ އެވެ. އެބައްދަލުވުމުގައި ފުލުހުންގެ އެކްޒެކެޓިވް ބޯޓުގެ ހުރިހާ މެމްބަރު އަދި ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ހޯމް މިނިސްޓަރުކަމަށް އިމްރާން އައްޔަން ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ. މިއީ ފުލުހުންނާއެކު އިމްރާން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ފުލުހުންގެ ވެރިންނާ އިމްރާން ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ފުލުހުން
މޭޑޭ މުޒާހަރާގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާކޮށް އިމްރާން 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އަދި އެ ހުކުމް މަޑު ޖައްސާލަން ސުޕްރީމް ކޯޓުން އެންގި ނަމަވެސް އެ ހުކުމް ބާތިލުކޮށްފައެއް ނުވެ އެވެ.
އެހެންވެ އިމްރާން މިނިސްޓަރަކަށް އައުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.