ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓު ނަގަން ޖެހޭނީ އިލެކްޓްރޯނިކް ވޯޓުން ނުވަތަ މެމްބަރުންގެ ނަންތައް ވަކި ވަކިން ވޯޓަށް އައްސަވައިގެން (ރޯލް ކޯލް ވޯޓުން) ކަމަށް އެ ގައުމުގެ ރައީސް ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ މިހެން ވިދާޅުވީ، އެ ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލު ކުުރުމަށް މިއަދު ހަވީރު ރައީސް އޮފީސްގައި ސިޔާސީ ޕާޓީތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

ސިރިސޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓާ މެދު ގޮތެއް ނިންމޭނީ އިލެކްޓްރޯނިކް ވޯޓިން އިން ނުވަތަ ރޯލް ކޯލް ވޯޓް ނަގައިގެން ކަމަށެވެ. ސަރުކާރާއި ގުޅިފައިވާ މިފަދަ މުހިންމު ވޯޓެއް، ރަނގަޅު އެދެވޭ ގޮތަކަށް ނަގައިގެން ނޫނީ އެ ވޯޓު ބަލައެއް ނުގަނެވޭނެ ކަމަށް ރައީސް ސިރިސޭނާ ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު ރައީސް ސިރިސޭނާގެ މީޑިއާ ޑިވިޝަން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް މާދަމާއަށް ތާވަލް ކޮށްފައިވާ، އިތުބާރު ނެތް ކަމުގެ ވޯޓު އެއްވެސް ހަމަނުޖެހުމެއް ނުހިންގައި، އޮމާންކޮށް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ.

މި ބައްދަލުވުމަށް އިދިކޮޅު ޕާޓީ، ޖަނަކް ވިމުއްކްތި ޕެރަމުނަ (ޖޭވީޕީ) ފިޔަވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ވަޑައިގެން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މަޝްވަރާ ބައްދަލުވުމަށް މަޖިލިސް ރައީސް، ކަރޫ ޖަޔަސޫރިޔާއަށް ދައުވަތު އެރުވި ނަމަވެސް އޭނާ އެ ދައުވަތު ގަބޫލުފުޅު ނުކުރައްވައެވެ. އޭނާއާ ހަވާލާ ދީ ސްރިލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންގެ މަޝްވަރާ ބައްދަލުވުމަކަށް ވާތީ އޭނާ އެ ދައުވަތު ގަބޫލު ނުކުރެއްވީ ކަމަށެވެ.

ބޮޑުވަޒީރު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރިއެވެ. ނަމަވެސް އެ ވޯޓު ގާނޫނާ ހިލާފުކަމަށް ވިދާޅުވެ، ރައީސް ސިރިސޭނާ އެ ނިންމުންތައް ގަބޫލުފުޅު ނުުކުރައްވައެވެ.