18 Nov 2018, 21:40
ސަރުކާރުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ ގޮތުން ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި އެ ކޮމިޝަން އުފެއްދީ އިއްޔެއެވެ.
މިއީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ އުފައްދައިފައިވާ ކޮމިޝަނެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގްކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި ކުރިން އަދާކޮށްފައިނުވާ ކަަމަށްވެސް ރައީސް އިބޫގެ ގަރާރުގައި ވެއެވެ.
ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން
- އަހުމަދު އަސްއަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ (ރައީސް)
- އާސް ޢަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް
- ނަދީމް އިބްރާހީމް ދަފްތަރު ނަންބަރު ރސ 7006
- އައިޝަތު ހަނާ ވަހީދު، މ. ހާޑްރޮކް
- ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320