މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަން އުފެއްދެވީ މިއަދު ކަމަށެވެ. ކޮމިޓީގައި ފަސްބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.

ކޮމިޝަންގެ މެމްބަރުން

  • ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު

  • އަބްދުﷲ މުނާޒް ހ. މާފިޔާ
  • އާދަމް އިބްރާހިމް ގ. ޑިމްލައިޓް
  • ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ
  • ނޫސްވެރިޔާ މިސްބާހު އައްބާސް

ކޮމިޝަންގެ ރައީސް ކަމަށް ރައީސް އިބޫ ކަނޑައެޅުއްވީ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ކޮމިޓީން ތަހުގީގު ކުރާނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކި އެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވިހުރި މައްސަލަތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ކޮމިޝަނަކީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކަށް ލިބިގެންވާ ބާރުތައް ލިބިގެންވާ ކޮމިޓީއެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ކޮމިޝަން އުފައްދާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނު އަދި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން އަފްރާޝީމްގެ މަރުގެ މައްސަލަތައް މިނިވަން ކަމާއެކު ތަހުގީގު ކުރާނެ ކަމަށް ރައީސް އިބޫ ވަނީ ވައުދުވަޑައިގެންފަ އެވެ.