ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މިއަދު ރައީސް ސޯލިހު ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާ ރައީސް އޮފީހުގައި ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އިއްޔެ އެމަނިކުފާނު ހުވާ ކުރުމުގެ ރަސްމިއްޔާތު ފުރިހަމައަށް ގެންދެވި ކަމަށްޓަކައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޝުކުރު އަދާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް ވަނީ ރައީސް ސޯލިހުއަށް ވެރިކަމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ. އަދި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ގާސިމް ރައީސް ސޯލިހުއަށް ދެއްވި އެވެ.

ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވީ އިއްޔެ ހަވީރު އެވެ. މިއަދު އެމަނިކުފާނު ވަނީ ބޭރު ގައުމުތަކުގެ މަންދޫބުންނާއި ބައެއް އިސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ.