ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވުމުގެ ވާހަކައަކީ އާންމުންގެ ތެރޭގައި ބާރަށް ދެކެވޭ ވަހަކަ އެވެ.

ރައީސް އިބޫ 100 ދުވަސްތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. ނުހައްގު މުއްސަނދިވުން ހޯދާ ފަރާތްތައް ހުޓުވުމަށް ގާނޫނެއް ހުށަހަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.

ބެލެވޭގޮތުގައި އެ ގާނޫނު ހާއްސަ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށެވެ.

އޭގެ އިތުރުން ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެމީޙުންނާއި ގުޅޭ ކަންކަމުގައި ރިޝްވަތުނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އަޅަން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ކޮރަޕްޝަނުގެ ކަންކަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމަށް ހާއްސަކޮށްގެން ވިސްލް ބްލޮވިއްގް ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

އަދި ރައްޔިތުންގެ ފައިސާއަށް ހިނާޔާތްތެރިވެފައިވާ ފަރާތްތައް ހޯދުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފެށުމަށް ވަނީ ނިންމާފަ އެވެ.

އަދި ދައުލަތުގެ އިދާރާތަަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެމީހުންގެ އަނބިން އަދި ދަރިންގެ މާލީ ބަޔާން ހާމަކޮށް ގަވައިދުން ރިވިއުކުރުމުގެ މަސައްކަތް ފަށަންވެސް ވަނީ ނިންމާފަ އެވެ.