ސިވިލް ސާވިސް ކޮމިޝަން(އެސް އެސް ސީ) ގެ މެންބަރެއްގެ ގާނޫނީ ދައުރު ހަވަވާތީ އެ މަގާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސީއެސްސީގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ ކުރިން އެކަމަށް އެދި ސީޓީ ފޮނުވަން އެދޭ ކަމަށެވެ.

ސީއެސްސީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އެ ކޮމިޝަނުގެ މެމްބަރު ފާތިމަތު ރީނީ އަބްދުލްސައްތާރުގެ ދައުރު ހަމަވާތީއެވެ. އެ ކޮމިޝަނަށް ރީނީ އައްޔަނުކުރީ 28 ނޮވެމްބަރު 2013 ގައެވެ.

ކޮމިޝަނުގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.

ސީއެސްސީއަށް މެންބަރުން އައްޔަނު ކުރަނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީން ދިރާސާކުރައްވައި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މެންބަރުންގެ ވޯޓުންނެވެ. އަދި އެ މެންބަރަކު ކޮމިޝަނަށް އައްޔަނު ކުރަން ޖެހޭނީ ރައިސުލްޖުމްހޫރިއްޔާ އެވެ.

ސީއެސްސީގެ މެންބަރަކަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ސަރީއަތަށް ސާބިތުވެ، ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހުނަށް ވެސް ސީއެސްސީއަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ފުރަތަމަ ޑީގްރީ ފެންވަރަށް ތައުލީމް ހާސިލް ކުރުމުގެ އިތުރުން ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތް ކޮށްފައި ހުރި މީހަކަށް ސީއެސްސީއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ގާނޫނުގެއް ދަށުން އިންތިހާބު ކުރެވޭ މަގާމެއްގެ ހުރި މީހަކަށް ސީއެސްސީގެ މެންބަރަކަށް ނުވެވޭނެ އެވެ.