ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމާރަތުންގަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހު ހުވާކުރުމުގެ ދަރުބާރަށް ރާއްޖެ ވަޑައިގެންނެވި ޗަންދްރިކާ މިއަދު ރައީސް ސޯލިހުގެ އަރިހަށް ޒިޔާރަތް ކުރެއްވި އިރު، އެކަމަނާ ވަނީ ރައީސް ސޯލިހުއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ދެ ބޭފުޅުން ވަނީ ރާއްޖެއާއި ލަންކާގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

މިދިޔަ މަހު ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރު ކުރެއްވުމަށް ފަހު، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވުމާ ގުޅިގެން ލަންކާގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ.

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުހައްމަދު އަފީފު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ލަންކާގެ ކުރީގެ ރައީސާގެ އިތުރުން ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުހައްމަދު އަފީފާއި މޮރޮކޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން، މުނިޔާ ބައުސެޓާއާއި ސާކްގެ ސެކްރެޓަރީ ޖެެނެރަލް އަމްޖަދު ހުސައިން ވަނީ ރައީސް ސޯލިހުގެ އަރިހަށް ޒިޔާރަތްކުރައްވައި، ބައްދަލުކުރައްވާފައެވެ.

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާއި ރައީސް ސޯލިހުގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމާއި މަސްވެރިކަން އަދި ކުދި ގައުމުތަކަށް ދިމާވެފައިވަ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ސާކްގެ ސެކްރެޓަރީ ޖެެނެރަލް އަމްޖަދު ހުސައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މޮރޮކޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ބައުސެޓާ ވަނީ އެ ގައުމުގެ ރަސްގެފާނު މުހައްމަދު (ފަސްވަނަ)ގެ ހެޔޮ ވެދުމާއި މަރުހަބާ، ރައީސް ސޯލިހުއާ ހިއްސާކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ސަގާފަތާއި ދީނީ ކަންކަމާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސް ސޯލިހުއަށް ޒިޔާރަތް ކުރައްވައި، ކުރިއަށް އޮތް ސާކް ސަމިޓު ބޭއްވުމަށް މިހާރު ދިމާވެފައިވާ ހުރަސްތައް ހިއްސާ ކުރައްވާފަ އެވެ. އަދި ރައީސް ސޯލިހު ވަނީ 19 ވަނަ ސާކް ސަމިޓު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.