18 Nov 2018, 16:23
މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާދު އަލް މާލިކީއާ ބައްދަލުކުރައްވައިފި އެވެ.
މިއީ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ޝާހިދު ބައިވެރިވެލެއްވި އެންމެ ފުރަތަމަ ބައިލެޓަރަލް ބައްދަލުވުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި އެގައުމުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބޭއްވެވި ޖާފަތުގެ ހަވާސާގަ އެވެ.
ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވީތީ ފަލަސްތީނުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދެ ބޭފުޅުން ވެސް ވަނީ ރާއްޖެއާ ފަލަސްތީނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާއި، މިހާރު އޮތް ގުޅުންތައް ވަރުގަދަކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.
އަދި މިނިސްޓަރު ޝާހިދު ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރު ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން، އެގައުމުގެ ފޮރިން މިނިސްޓަރަށް އަރުވާފައެވެ.