ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދުމަށް މަސައްކަތްޕުޅު ކުރައްވާ ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް)ގެ އަސާސީ ގަވާއިދުގައި ހިމަނަން ބޭނުންވާ މާއްދާތަކާ ބެހޭ ގޮތުން މެންބަރުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް ބޭނުންވާ ނުކުތާތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށް އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ހަފުލާއެއް ބާއްވާނެ ކަމަށެވެ.
"ފޯރަމްގައި ހުޅުވާލެވިފައިވާ ފުރުސަތުގައި އަސާސީ ގަވާއިދުގައި ހިމަނަން އެކިފަރާތްތަކަށް ފެނިވަޑައިގަންނަވާ ހުށަހެޅުންތައް އެތަނަށް ގެންނަވައި މަޝްވަރާ ކުރެވިގެންދާނެ. މަޝްވަރާ ކުރެވިގެންދާނީ އަސާސީ ގަވާއިދުގައި ހިމަނަން ފެންނަ މުހިއްމު ކަންތައްތަކަށް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އަސާސީ ގަވާއިދު ތައްޔާރު ކުރަން މާލޭގައި ތިއްބެވި ޕާޓީގެ މެންބަރުންގެ ހިޔާލު ހޯދަމުންދާއިރު، އަތޮޅުތަކުގައި ތިބި މެންބަރުންގެ ހިޔާލު ހޯދަން ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ގަވާއިދު ހެދުމުގައި ބަލާނީ ޑިމޮކްރަޓިކް އެހެން ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ތައްޔާރު ކުރުމުގައި ހަރަކާތްތެރިވަމުންދަނީ އެ ޕާޓީގެ އުފެއްދުމުގައި އިސްކޮން އުޅުއްވާ 10 މެންބަރުންގެ ކޮމެޓީއަކުންނެވެ. ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިޝް މައުމޫންނާއި ޕީއޭގެ ކުރީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އުމަރު ނަސީރާއި މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ޑރ. މުހައްމަދު ސައުދާއި ކުރީގެ ރައީސް މައުމޫންގެ ކުރީގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންނެވެ.