މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ލީޑަޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ކެބިނެޓު ވެސް އިއްޔެ ވަނީ އައްޔަނުކުރައްވާފައެވެ.

އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރުކަމަށް މާރިޔާ އަހްމަދު ދީދީ އައްޔަނުކުރެއްވި އިރު، އެއީ ރާއްޖޭގައި އެ މަގާމު ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭކަނބަލެވެ.

މިނިސްޓަރު މާރިޔާ، އެމްއެންޑީއެފްގެ ވެރިންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ ފޮޓޯތައް އެމްއެންޑީއެފުން އާންމުކޮށްފައިވާ އިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޑިފެންސް މިނިސްޓްރީގެ ވެރިއަކަށް އަންހެނަކު އައްޔަނުކުރުމުން އެކަމަށް ތައުރީފުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މާރިޔާއަކީ ހައްގުތަކާއި، އިންސާފާއި ޑިމޮކްރަސީ ނެގެހެއްޓުމަށް އަބަދުވެސް ކުރިމަތިލެއްވި ބޭކަނބަލެއް ކަމަށާއި ޑިފެންސް މިނިސްޓަރުކަމަށް މާރިޔާ ވަރަށް ގާބިލުކަމަށެވެ.

"އެ މުއައްސަސާ ހިންގުމަށް ބޭނުންވަނީ ގާނޫނު އަސާސީ ނެގެހެއްޓުމާއި ރައްޔިތުންގެ ހައްގުތައް އެނގޭ މީހެއް،" ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ މާރިޔާއަށް ނިސްބަތްކުރައްވައި، އީވާ ވިދާޅުވިއެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް މާރިޔާއަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ މީގެ ކުރީގެ ޑިފެންސް މިނިސްޓަރުންނަށް ވުރެ ރަނގަޅަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެމްއެންޑީއެފްގެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ބައްދަލުވުމުގައި އަންހެނަކަށް ހުންނެވީ މިނިސްޓަރު މާރިޔާ އެކަންޏެވެ. އެކަން ފާހަގަކޮށް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން ދިޔައީ އަސްކަރިއްޔާގެ އިސް ލީޑަޝިޕުގައި ވެސް އަންހެނުން ހިމެނޭތަން ދެކެން ބޭނުންވާ ކަމަށެވެ.