18 Nov 2018, 14:29
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވައިފައިވާ މަތީ ތައުލީމީ މެނިފެސްޓޯ ތަންފީޒުކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް ރައީސް އިބޫގެ ކެބިނެޓްގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވިދާޅުވެއްޖެއެވެ.
ޑރ. އިބްރާހިމް މިއަދު ކުރެއްވި ޓުވީޓެއްގަައި ވިދާޅުވީ ރައީސް އިބޫގެ ވެރިކަމާއެކު ހަމަހަމަކަމާއި އިންސާފާއި އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މުޅިން އާ ބާބެއް ފެށިފައިވާ ކަމަށެވެ.
" ހަޔާ އެޑިއުކޭޝަން މިނިސްޓަރެއްގެ ގޮތުގައި ހުރެ ޒިންމާތައް އަދާކޮށް ރައީސް އިބޫއަށް ވަފާތެރިވުމުގައި ދެމިހުންނާނަން." އޭނާ ވިދާޅުވިއެވެ. ޑރ. އިބްރާހީމް ޙަސަންއަކީ ކުރީގެ ރައީސް މައުމޫނުގެ ކެބިނެޓުގައި ވެސް ހަޔާ އެޑިކުޝަން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ސަރުކާރާއި ރައީސް ވަހީދުގެ ސަރުކާރާއި އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް ވަކީން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއެއް ނެތެވެ.
ރައީސް އިބޫ ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ އިއްޔެ ހަވާލުވެވަޑައިގެންފައިވާއިރު، ކުރިއަށް އޮތް 100 ދުވަސްތެރޭ ކުރައްވާނެ ކަންތައްތައް މިހާރު ވަނީ ހާމަކޮށްފައެވެ.
އެގޮތުން ފުރަތަމަ 30 ދުވަހުގެ ތެރޭގައި މަތީ ތައުލީމުގެ ކަންތައް ހަރުދަނާ ކުރުމަށް ތިން ލަނޑުދަނޑިއެއް ހާސިލްކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ޖީސީއީ އޭލެވަލް އިން އެއް ވަނަ ހޯދާ ދަރިވަރުން އިހުތިޔާރު ކުރާ ޔުނިވާސިޓިއަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ސްކޮލާޝިޕް ދޭން ފެށުން ހިމެނެއެެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކޮށް އަދި މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށްފަހު ރީސްޓަރަކްޗަރ ކުރުމަށް ހުޅުވާލުމަށްވެސް ވަނީ ނިންމައިފައެވެ.
އަދި ހައިއެޗީވަރސް ސްކޮލަރޝިޕް ސްކީމު މުރާޖަޢާކޮށް، އެސްކީމަކީ އޯ.އީ.ސީ.ޑީ ގައުމުތައް ހިމެނޭގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމު/ޔުނިވަރސިޓީތަކުން ކިޔެވޭ ސްކީމަކަށް ހެދުމަށްވެސް ވަނީ ނިންމައިފައެވެ.
ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ 60 ދަވަހުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަށްވެސް ވަނީ ނިންމައިފައެވެ.