އޮޝޮގޯ (ނޮވެމްބަރު 18): ނައިޖީރިއާގެ އޮޝުން ސްޓޭޓުގެ ގަވަރުނަރު ކަމުގައި ހޭދަ ކުރެއްވި އަށް އަހަރު ތެރޭ އެއްވެސް އިރެއްގައި މުސާރަ ނުނަންގަވާ ކަމަށް އެސްޓޭޓުގެ ގަވަރުނަރު ރައުފް އަރެގްބެސޮލާ ވިދާޅުވެއްޖެ އެވެ.

އަރެގްބެސޮލާ ވިދާޅުވި ގޮތުގައި ދައުލަތުން އޭނާއަށް ކެއުމާއި، ދަތުރު ކުރާނެ އުޅަނދަކާއި އެހެނިހެން ކަންތައްތައް ހަމަޖައްސައިދެ އެވެ. އެހެންކަމުން އޭނާއަށް މުސާރާއެއް ބޭނުމެއް ނުވެ އެވެ.

"ދައުލަތުން އަޅުގަނޑަށް ކާންދީ، ކާރަށް ތެޔޮ އަޅައިދީ، އެހެނިހެން ހަރަދުތައް ހަމަޖައްސައިދޭ. އެހެންވެ އަޅުގަނޑަށް މުސާރައެއް ބޭނުމެއް ނުވޭ،" އަރެގްބެސޮލާގެ ޓުވީޓެއްގައިވެ އެވެ.

އަދި އޭނާ ވަނީ އޭނާ ގަވަރުނަރަކަށް ވުމުގެ ކުރިން އެޅި ގެ ނޫން އެހެން ގެޔެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެވާހަކަފުޅާ ބެހޭ ގޮތުން ސުވާލު އުފައްދާފަ އެވެ. އަދި އެހެން ފަރާތްތަކުން ވަނީ ގަވަރުނަރު މުސާރަ ނުނެންގެވުމުން "އާދައިގެ މީހާގެ ކެކުޅުމަށް ލިބެނީ ކޮން ލުއިކަމެއްތޯ" އަހާފަ އެވެ.

ނައިޖީރިއާގެ އޮފިޝަލުންގެ ހަރަދުތަކަށް ފަހަކަށް އައިސް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފަ އެވެ. އެއީ އެގައުމުގެ ސެނެޓަރުންގެ ހަރަދުތައް، ކޮންމެ މަހެއްގެ މުސާރައަށް ވުރެ 13 ގުނަ އިތުރު ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި ފަހުންނެވެ.

އެރިޕޯޓާ ގުޅިގެން ނައިޖީރިއާގެ ކުރީގެ ގަވަރުނަރަކު ވަނީ އެގައުމުގެ ގަވަރުނަރުންނަށް ދައުލަތުން ހަރަދު ކުރާ މިންވަރު ރައްޔިތުންނަށް އެނގިއްޖެ ނަމަ، ރައްޔިތުން މާބޮޑަށް ރުޅިގަދަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަރެގްބެސޮލާގެ ގަވަރުނަރުކަމުގެ ދައުރު މިމަހު ނިމޭނެ އެވެ.