27 Sep 2011, 16:20
އެމެރިކާގެ އެންމެ މަޝްހޫރު އެއްނޫސް ކަމަށްވާ ނިޔުޔޯކް ޓައިމްސް ގައި ކޮލަމް ލިޔުއްވާ އެންމެ ފުންނާބުއުސް އެއް ކޮލަމިސްޓް ކަމަށްވާ ތޯމަސް ފްރެޑްމަން، ދުވަހަކުވެސް ފާޑުނުކިޔާ މިންވަރަށް އިސްރާއީލުގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެވެ. ޔަހޫދީ ލިޔުންތެރިއެއް ކަމަށްވާ ފްރެޑްމަން، ނިޔުޔޯކް ޓައިމްސްގައިވާ އޭނާގެ ކޮލަމްގައި ލިޔުއްވާފައިވާގޮތުން އިސްރާއީލުގެ ސަރުކާރަކީ އެޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ކުރިމަތިލުމަށް ޑިޕްލޮމެޓިކް ގޮތުން ނުކުޅެދިފައިވާ އަދި ސްޓްރެޓީޖިކް ޤާބިލްކަމާއި ދުރުވިސްނުންނެތް އެކަހެރިވަމުންދާ ސަރުކާރެކެވެ.
ފްރެޑްމަންގެ ކޮލަމްގައި، ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުމަށްފަހު މިހާތަނަށް ދުވަހަކުވެސް އިސްރާއީލުގެ މުސްތަޤްބަލާމެދު އޭނާ ކަންބޮޑުނުވާ މިންވަރަށް ޔަހޫދީއެއްގެ ޙައިޘިއްތަޔުން ކަންބޮޑުވެފައިވާކަން ހިތާމައާއެކުގައި ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބިނާކޮށްފައިވާ މައިގަނޑު ތަނބުތަކުގެ ބާރު ދެރަވެ އެތަނބުތައް މިހާރު ރޫޅެންފަށާފައިވާ ކަމަށް ސިފަކުރައްވާފައިވެއެވެ.
އިސްރާއީލުގެ ސަލާމަތީ މައިގަނޑު ތަނބުތަކުގެ ގޮތުގައި ފްރެޑްމެން ސިފަކުރައްވާފައިވަނީ މިސްރާއެކު ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާއާއި ސޫރިޔާގެ ދާޚިލީ ހަމަޖެހުމާއި ތުރުކީއާއި އުރުދުންއާއެކު އިސްރާއީލުން ޤާއިމްކޮށްފައިވާ އިތުބާރުގެ ގުޅުންތަކެވެ. މިކަންތައްތަކަށް ބަލާއިރު ޙުސްނީ މުބާރަކާއި އޭނާގެ ސަރުކާރު ވެއްޓުމުގެ ސަބަބުން ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާގެ މުސްތަޤްބަލްވަނީ ނޭންގުމެއްގެ ތެރޭގައެވެ. މިސްރުގެ ރައްޔިތުން މަގުތަކަށްނުކުމެ ޤާހިރާގައި ހުންނަވާ އިސްރާއީލުގެ ސަފީރު ބޭރުކޮށްލިގޮތަށް އުރުދުންގެ ރައްޔިތުންވެސް ޢަންމާންގައި ހުންނަ ޔަހޫދީ އެންބަސީ ޙިސާރުކުރަން އުޅުމުން އުުދުންއާއި އިސްރާއީލުގެ ގުޅުންތައްވެސްވަނީ ގަނޑުބަޑުވެ ނޭންގުމެއްގެ ތެރެއަށް ވެއްޓިފައެވެ.
އަނެއްކޮޅުން ޒަމާނުއްސުރެ އިސްރާއީލާއެކު އެންމެ ބޮޑުގުޅުންތަކެއް ބާއްވަމުން ގެންދިޔަ ހަމައެކަނި އިސްލާމީ ޤައުމުކަމަށްވާ ތުރުކީ މިހާރުވަނީ އެޤައުމުގައި ހުންނަ ޔަހޫދީ ސަފީރު ބޭރުކޮށްލައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރަންވެސް ފަހަށް ނުޖެހޭނެކަން ހާމަކޮށް ފާޅުގައި އިސްރާއީލަށް ގޮންޖަހައި ތަހައްދީ ކުރަންފަށާފައެވެ.
ޔަހޫދީއެއްގެ ޙައިޘިއްޔަތުން އިސްރާއީލަށް ތާއީދުކުރައްވާ ލިޔުންތެރިޔާ ފްރެޑްމަންގެ ނަޒަރުގައިވެސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމާއި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އުރުދުންގެ ރައްޔިތުން އިސްރާއީލުގެ އެންބަސީ ޙިސާރުކުރަން އުޅުމާއި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްފަދަ އިސްރާއީލުގެ ސަލާމަތަށް ނުރައްކާކުރާ ކަންކަމަކީ އިސްރާއީލަށް ބާރުފޯރުވެނެ ކަންކަމެއްނޫނެވެ. ނަމަވެސް މައްސަލައަކީ މިކަންތައްތަކާ ކުރިމަތިލުމަށް އިސްރާއީލު ނުކުޅެދުމެވެ. މިކަންތައްތަކާ މުޢާމަލާތް ކުރުމުގެ ސްޓްރެޓީކް ވިޝަންއެއް ނެތުމެވެ.
ފްރެޑްމެންގެ މިލިޔުއްވުމާއި އިސްރާއީލުގެ ލިޔުންތެރިއެއް ކަމަށްވާ އުލޫފްބެން އެޤައުމުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ގައި މިދިޔަ ހަފްތާގައި ލިޔުއްވާފައިވާ ލިޔުއްވުމަކާ ވަރަށް އެއްގޮތެވެ. "ހާއާޓްސް" ގައި އުލޫފްބެން ލިޔުއްވާފައިވާ ގޮތުގައި މެދުއިރުމަތީގެ ޤައުމެއްގެ ގޮތުގައި އިސްރާއީލު ބަލައިގަނޭތޯއާއި އިސްރާއީލުގެ އެކަހެރިވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވޭތޯ ތުރުކީއާއި ޢަރަބި ޤައުމުތަކަށް އަމާޒުކޮށްގެން ވޭތުވެދިޔަ ތިރީހަކަށް އަހަރު އިސްރާއީލުގެ އެކި ސަރުކާރުތަކުންނާއި އެމެރިކާއިން ކުރި މަސައްކަތްތައް މިހާރުވަނީ ވިއްސިވިހާލިވެގެން ގޮސްފައެވެ.
މިކަންތައްތައް ވިއްސިވިހާލިވެގެން ދިޔައީ މިސްރާއި ތުރުކީން އިސްރާއީލުގެ ސަފީރުން ބޭރުކޮށްލުމުންނާއި އުރުދުންގެ ރައްޔިތުން އިސްރާއީލުގެ އެންބަސީ ޙިސާރުކުރަން އުޅުމުގެ ސަބަބުންނެވެ.
އިސްރާއީލުގެ ބައެއް ލިޔުންތެރިންނާ ޙަވާލާ ދެއްވައި ފްރެޑްމަން ލިޔުއްވާފައިވާ ގޮތުގައި ޢަރަބި ބައެއް ޤައުމުތަކުގެ ރައްޔިތުން މަގުތަކަށް ނުކުމެ އެޤައުމުތަކުގެ ޑިކްޓޭޓަރުން ވައްޓާލައި ޢަރަބި ވެރިކަމުގެ ސިޔާސަތުގެ ތެރެއަށް ޢަރަބި ރައްޔިތުން ވަންވަނުމަކީ އިސްރާއީލުން ވަރަށް ވިސްނަންޖެހޭ ކަމެކެވެ. މިއިން އެނގެނީ ނިއުކްލިޔަރ ހަތިޔާރު ހެދިނަމަވެސް އަދި ޢަރަބި ޑިކްޓޭޓަރުންނާއެކު ކޭމްޕް ޑޭވިޑް މުޢާހަދާފަދަ ސުލްޙައިގެ މުޢާހަދާތަކުގައި ސޮއިކުރިނަމަވެސް މުސްތަޤްބަލްގައި އިސްރާއީލަށް ރައްކާތެރިކަމާއި އަމާންކަން ނެތްކަމެވެ.
އެހެންކަމުން ޒަމާނާއެކު ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި ޢަރަބި ޤައުމުތަކުގެ ރައްޔިތުން އެމީހުންގެ ބާރުވެރިކަން ދައްކަމުން ގެންދިޔުމާގުޅިގެން މެދުއިރުމައްޗަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އިސްރާއީލަށް ރައްކާތެރިކަމަށްޓަކައި އެހެން ސްޓްރެޓެޖީތަކެއް އެކަށައަޅަން އިސްރާއީލަށް މިހާރު ޖެހިފައިވާކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
ފްރެޑްމަންގެ ނަޒަރުގައި އިސްރާއީލަށް އޮތީ މިހާރުން މިހާރަށްވެސް 1967 ގެ ހަނގުރާމައިގެ ކުރީގައި އޮތް ސަރަޙައްދީ ރޮނގާ ހިސާބަށް ފަހަތަށްޖެހި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރްސަތުދިނުމެވެ. އަދި ހަރުކަށިކަމާއި ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް ފަލަސްތީނުގެ ޙައްޤުތައް ފަލަސްތީނަށް ދިނުމަށް އިސްނެގުމެވެ. މިނޫންގޮތަކަށް މުސްތަޤްބަލްގައި އިސްރާއީލަށް ސަލާމަތެއްވެސް އަދި ރައްކާތެރިކަމެއްވެސް ނޯންނާނެކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
އިސްރާއީލުގެ ޙިމާޔަތަށްޓަކައި އެމެރިކާއަށާއި ނިއުކްލިޔަރ ހަތިޔާރަށް ބަރޯސާވުމަކީ ގެރެންޓީއޮތް ކަމެއްނޫނެވެ. ސަބަބަކީ އެމެރިކާގެ ބާރާއި ނުފޫޒު މެދުއިރުމަތިންނާ އަދި މުޅި ދުނިޔެއިންވެސް ކުޑަވަމުން ދިޔުމާއި ޗައިނާއާއި އިންޑިޔާފަދަ އާ ބާރުތައް ފާޅުވަމުން ދިޔުމާއި ޢަރަބި ޤައުމުތަކުގެ ރައްޔިތުން އެޤައުމުތަކުގެ ސިޔާސީ މަސްރަޙަށް ނުކުންނަން ފެށުމުން ސަރަޙައްދަށް އަންނަމުންދާ އާދަޔާ ޚިލާފު ބަދަލުތަކެވެ. މިބަދަލުތަކަކީ ނިއުކލްިޔަރ ހަތިޔާރުން އެކަން ހުއްޓުވޭނެ ބަދަލުތަކެއްނޫންކަމަށް ފްރެޑްމަން ލިޔުއްވާފައިވެއެވެ
މިމޭރުމުން ވާހަކަ ދައްކަމުން ކުރީގެ ސޮވިއެޓް ޔުނިޔަންވެސްގެވެސް ބާރުކެނޑި އެންމެފަހުން ސޮވިއެޓް ޔުނިޔަންގެ ބިޔަ ދައުލަތް ރޫޅިގެންދިޔައީ އެޤައުމުގެ ގުދަންތަކުގައި ނިއުކްލިޔަރ ހަތިޔާރާއި ފަނާކުރަނިވި ހަތިޔާރުގެ ފުނިފުންޏަށް ގުދަންކޮށްފައި ހުއްޓާ ކަމަށް ލިޔުއްވާފައިވެއެވެ. -- ނިޔުޔޯކް ޓައިމްސް، ހާއާޓްސް