14:30


ރިސޯޓްތަކުގައި މިސްކިތްތައް ބިނާކޮށްފައިވަނީ މިހާރުގެ ސަރުކާރުން ކަމަށާއި، މޫނުބުރުގާ އެޅުންފަދަ ކަންތައްތައް ކުރީގެ ސަރުކާރުން މަނާކޮށްފައިވާ ކަމަށް ބުނެ ދީނީ އިލްމު ވެރިޔާ ޑރ.ޒާކިރު ނައިކް އަށް ބަޔަކު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީގެ ދީނީ ގޮފީގެ ފަރާތުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ ވިދާޅުވީ، ބަޔަކު އެކަން ކޮށްފައިވަނީ ޑރ. ޒާކިރު ނައިކުގެ ބޭނުން ހިފައިގެން ސިޔާސީ ގޮތުން ފައިދާތަކެއް ހޯދުމަށް، ނުވަތަ ޑރ.ޒާކިރު ނައިކްގެ އަގު ވައްޓައިލުމަށް ކަމަށެވެ. ނަމަވެސް ޑީއާރުޕީގެ ފަރާތުން ޑރ. ޒާކިރު ނައިކާ ބައްދަލުކޮށް އެވާހަކަތައް އޮޅުން ފިލުއްވައިދީފައިވާނެ ކަމަށް ވެސް ޑރ.އަފްރާޝީމް ވިދާޅުވި އެވެ.


ޑރ.އަފްރާޝީމް އަދި ވިދާޅުވީ، އެފަދަ ދޮގު ވާހަކަތައް ދައްކާފައިވަނީ ސަރުކާރުގެ ކޮންމެވެސް ފަރާތަކުން ކަމަށެވެ. ނަމަވެސް އެފަދަ ދޮގު މައުލޫމާތުތަކެއް ދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.


ޑރ.ޒާކިރު ނައިކުގެ ފަހު ތަގުރީރު އޮތް ރޭ ތިމަންނާއަކީ މުސްލިމެއްނޫން ކަމަށް ބުނި މުހައްމަދު ނާޒިމު އަލުން އިސްލާމްދީން ގަބޫލުކޮށް ދީނަށް އެބުރި ރުޖޫއަވެފައިވާތީ ޑީއާރުޕީން އެކަމަށް މަރުހަބާކިޔާ ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ. އަދި ދީނާ ހިލާފް ކަންތައްތައް ރާއްޖޭގައި ހިނގުމަށް ޑީއާރުޕީން އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.