"އެންމެ ފުރަތަމަ ފެނުނީ އޮލިމްޕަސް ކައިރީގައި ހުއްޓާ. ކުރިމަތިން ހުރަސްކޮށްލީ ރަތްކުލައިގެ ފައިލެއް ހިފައިގެން. ވަގުތުން ފަހަތުން އަޅުވާލިން. ދެން އޭނަ މިވަނީ އެތާ ހުރި ކޮންމެސް ގެއަކަށް. ޓިއުޝަނަކަށް ކަންނޭނގެ. ދެން ނިމޭ ގަޑިއަށް ވެސް ދިޔައިން. އެކަމަކު އޭރަކު އޭނައަކަށް ނޭނގޭ ފަސްފަހަތުން އުޅޭ ކަމެއް،"

ދުރު ހަނދާނެއް އާކުރަމުން ދިވެހި ފިލްމު އިންޑަސްޓްރީ ސްކްރީން ބައްޕައިންގެ ތެރެއިން ފާހަގަކޮށްލެވޭ އަލީ ފާރޫގުގެ ވާހަކަ ފެށީ މިހެންނެވެ.

"އެންމެ ފުރަތަމަ ފެނުނީ ގޭކުރިމަތިން. އަހަރެންވެސް ފަހަން ވެގެން ކަތުރެއް ހޯދަންވެގެން އެގެއަށް ގޮސް ވަދެލިން. ކަތުރު ހިފައިގެން ނުކުތީ ފާާރޫގު. އެއީ އަހަރެންނަށް އޭނާ އެންމެ ފުރަތަމަ ފެނުނު ގޮތް،" ފާރޫގުގެ އަންހެނުން މަރިޔަމް ހަލީމް ހެވިލާފައި ބުންޏެވެ.

ފެހުމުގެ ދާއިރާއިން ދޮންވެ ފައްކާވި ލޯބި އަދިވެސް އެގޮތުގައި ދެމިއޮތީއެވެ. މިއީ މަރިޔަމް ހަލީމް އަދި އަލީ ފާރޫގުގެ ކުރު ތައާރަފެކެވެ.

ފިލްމު އިންޑަސްރީގައި ފުރަތަމަ ފައިހިއްޕާލީ ފާރޫގު ކަމުގައި ވީނަމަވެސް މިއަދު މަރިޔަމް އަކީ ވެސް މިދާއިރާއިން ފާހަގަކޮށްލެވޭ ތަރިއެކެވެ. އިންޑަސްޓްރީގެ އެންމެ މަތީ ލެވެލްގެ މީހުންގެ ލިސްޓެއް ހޮވާލާނަމަ މިދެތަރީން ހިމެނޭނެކަން ގައިމެވެ.

އަލީ ފާރޫގުގެ ފިލްމީ ހަޔާތް

ފިލްމު "ލަވް 90" އިން ފިލްމީދާއިރާއަށް ތައާރަފްވި ފާރޫގަކީ އެންމެ ކުޑައިރުން ފެށިގެންވެސް އެކްޓްކުރުމަށް ފޯރިހުންނަ މީހެކެވެ. "ލަވް 90" އަށްފަހު ފިލްމީދާއިރާއަށް ލޯބި އުފެދި އިތުރު ފިލްމުތަކުން ޖާގަ ހޯދީ އޭނާގެ މޮޅު އެކްޓުގެ ސަބަބުންނެވެ. ގިނަ ޑައިރެކްޓަރުންގެ މެދުގައި މަގްބޫލުކަން ހޯދާ މިއަދާ ހަމައަށްވެސް އެގޮތުގައި ދެމިއޮތީ ފާރޫގު ހިތްވަރުންނެވެ.

ގިނަ އަދަދެއްގެ ޑްރާމާތަކުންނާއި ފިލްމުތަކުން ފެނުނުއިރު އެންމެ ބުރަ މަސައްކަތަކީ ކޮން މަސައްކަތެއްތޯ ސަން އިން ސުވާލުކުރުމުން އޭނާ ބުނީ "އެންމެ ބުރަކޮށް މަސައްކަތް ކުރެވުނީ 4426ގައި ކަމަށެވެ.

މަރިޔަމް ހަލީމް އާއި އަލީ ފާރޫގު --- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

"އެންމެ ގިނަ ވަގުތުވެސް ހޭދަވީ އެ ފިލްމުގައި. އެންމެ އުނދަގޫވީ ބޯ ޗިސްޗިސް ކޮށްލާ މަންޒަރު ނެގުމަށް،"

ފިލްމުގެ ކޮންމެ މަންޒަރެއްގައި ވެސް އެންމެ ފުރިހަމަކޮށް ކުޅެލުމަށް މަސައްކަތްކުރި ކަމަށާއި އެ ފިލްމަކީ އެންމެ ގިނަ ވަގުތު ހޭދަވި ފިލްމުކަމަށްވެސް އޭނާ ބުންޏެވެ.

އިބްރާހީމް ނާސިރުގެ ދައުރުގައި ވެލާނާ ގޭގައި ވެސް މަސައްކަތްކުރި ފާރޫގުގެ ފިލްމީ ހަޔާތަކީ އޭނާގެ ހަޔާތުގެ އެއްބައި ކަމަށް އޭނާ ބުންޏެވެ. މިއަދާ ހަމައަށް ގިނަ ފިލްމުތަކުންނާ ޑްރާމާތަކުން ފެނިގެންދިޔަ ފާރޫގަށް އެންމެ ކަމުދާ ޑައިރެކްޓަރަކީ ފިލްމީ ދާއިރާގައި އެންމެ ފުންނާބު އުސް އެއް ޑައިރެކްޓަރު މޫމިން ފުއާދެވެ. ޓީވީއެމްގެ ޑްރާމާ ސިލްސިލާ އެއްގެ މަސައްކަތް މިހާރުކުރަމުން އަންނައިރު ފުރުސަތު ލިބޭ ވަރަކުން ފިލްމުތަކާއި ޑްރާމާތައް ކުޅޭނެ ކަމުގެ ޔަގީންކަން ފާރޫގު ދެއެވެ.

"ވަރަށް ގިނަ ފިލްމު ކުޅެވިއްޖެ. އަސްލު ވަރަށް ބޭނުންވޭ ވަރަށް ނުލަފާ މީހެއްގެ ރޯލު ކުޅެލަން،"

ސްކްރީނަށް ގިނަ އާ މޫނުތަކެއް ތައާރަފްވަމުން އަންނައިރު ފިލްމީދާއިރާގެ މުސްތަގްބަލާ ދޭތެރޭ ދެކޭގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ފާރޫގު ބުނީ މިދާއިރާ އަކީ ކުރިއަށްދާން އުނދަގޫ ދާއިރާއެއް ކަމަށެވެ.

"ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ. އަސްލު އެކުވެރި ނޫންވީމަ މައްސަލަޖެހެނީ. ބައިބައިވުން ބޮޑުވީމަ އުނދަގޫވާނެ. އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރަން ޖެހޭނީ،" ފާރޫގު ބުންޏެވެ.

މަރިޔަމް ހަލީމްގެ ފިލްމީ ހަޔާތް

"ފާރޫގު، ކައިރީގައި ނެތް ދުވަސްވަރެއްގައި ދަރިން ގޮވައިގެން އުޅެމުން އަތްމަތި ވަރަށް ބޮޑަށް ދަތިވި. ޑައިރެކްޓަރު ފާތިމަތި ނަހުލާ ހެދުން އެއްޗެހި ފަހާދީ އުޅެން ކުރީގަވެސް ދެން އެއްރޭ ނަހޫ އައި އިރު ގޭގަ ކަރަންޓް ނެތް، ނަހޫ ހުރެފަ ބުނެފި ކަރަންޓް ލާދީފާނަމޭ ހިނގާށޭ އަހަންނާއެކީ ފިލްމު ކުޅެން،" ފިލްމީދާއިރާއަށް ނުކުމެވުނު ގޮތް ކިޔާދެމުން މަރިޔަމް ބުންޏެވެ.

އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުމެ، ފިލްމީ ކަންކަމުގައި އުޅެން ފެށީ ފިރިމީހާ އާ ދެކޮޅަށް ކަމަށާއި ފިލްމީދާއިރާއަށް ވަން އިރުވެސް ފިރިމީހާއަށް ނޭނގޭކަމަށް ވެސް މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ ފިލްމު އެޅުވުމުގެ ކުރިން އެ ފިލްމުގެ އިސްތިހާރު ފެނުމާއެކު ފާރޫގް ގުޅާފައި ފިލްމު ނުކުޅުމަށް ބުނި ކަމަށެވެ. އަދި ޖަވާބުގައި "ދެން ފިިލްމު ކުޅުމާގެން ކުރިޔަށް ދާނެ" ކަމަށް ބުނެފައިވާނެ ކަމަށް މަރިޔަމް ބުންޏެވެ.

އޭނާ ފިލްމީދާއިރާއަށް ތައާރަފްވެގެންދިޔައީ ފިލްމު "ލައިލާ"އިންނެވެ. އެ ފިލްމުގެ ތަޖުރިބާ ކިޔާދެމުން އޭނާ ބުނީ އެ ފިލްމަކީ އުނދަގުލުން ކުޅެވުނު ފިލްމެއްކަމަށެވެ.

"އެ ފިލްމުގައި އިންނާނެ އެއް މަންޒަރު. ޝޫޓްކުރި ގާތްގަނޑަކަށް 28 ފަހަރު،"

ފިލްމީތަރި މަރިޔަމް ހަލީމް އާއި އަލީ ފާރޫގު--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

ގިނަ ޑްރާމާތަކުން ފެނިގެންދިޔަ މަރިޔަމް ހަލީމްގެ ފިލްމެއް ދެން އެންމެ އަވަހަށް ފެންނާނީ ބަތަލާ ނިއުމާ މުހައްމަދުގެ "ނިވައިރޯޅި"އިންނެވެ.

"ޒީނަތު ގުޅާފައި އެއްދުވަހު ބުނީ މަންމީއޭ ނިއުމާގެ ފިލްމެއްގައި ރޯލެއް ކުޅެވޭނެހޭ. ކިހާވަރަކަށްހޭ ކުޅެދޭނީ. ދެން އަހަރެން ބުނިން ނިއުމާއެއް ނޫންހޭ. މަންމި ކުޅެދޭނަމޭ. ނިއުމާގެ ފިލްމެއް ވިއްޔާ އަގެއް ނުކިޔާނަމޭ. ބޭނުން އެއްޗެއް ދޭށޭ،"

"ސްލޭމް ސްޓޫޑިއޯ"ގެ ގިނަ މަސައްކަތްތަކެއް މިއަދާ ހަމައަށް ކޮށްފައިވާ މަރިޔަމް ބުނީ އެންމެ އުނދަގޫ މަސައްކަތަކަކީ "ލައިލާ"، "އުމުރަށް ސަލާމް" އަދި "އަނިޔާ" ކަމަށެވެ.

"އަސްލު ދިރިއުޅުމުގައި ބުރަކޮށް އުޅެލާފައި ފިލްމެއް ކުޅެލީމަ މައިންޑް ވަރަށް ފްރެޝްވޭ. ފުރުސަތު ލިބޭ ވަރަކުން ބޭނުން ހިފާނަން،" އަންނަ އަހަރު ސްކްރީނަށް ގެންނަން ނިންމާފައިވާ "ލީނާ"ގައި ހަރަކާތްތެރިވާ ތަރި ބުންޏެވެ.

ފިލްމީދާއިރާގައި މަސައްކަތްކޮށްލަން އެންމެ ފަސޭހައީ ކޮއްޔަ ހަސަން މަނިކު އާއި ރޯނު ހަސަން މަނިކު އާ އެއްކޮށް ކަމަށް މަރިޔަމް ބުންޏެވެ.

މަރިޔަމް ހަލީމް އާއި އަލީ ފާރޫގް އެކުގައި ފެނިގެންދިޔަ "ކަސަބު ލިބާސް" ލަވައިގެ މަންޒަރެއް...

ދެމަފިރިން އެއްކޮށް މާގިނަ ފިލްމެއް ނުކުޅުނު ނަމަވެސް "އަނިޔާ"ގައި ދެމަފިރިން އެއްކޮށް ވަނީ މަސައްކަތްކޮށްފައެވެ. އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ލަވަ "ކަސަބު ލިބާސް"ގައި ވެސް ދެތަރިން ވަނީ އެއްކޮށް ހަރަކާތްތެރިވެފައެވެ. ފިލްމީދާއިރާގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުން ގޮސް މިއަދު އެ ދެމަފިރިން ހުރީ ފިލްމީދާއިރާގެ އެންމެ އުހުގައެވެ. ފެހުމުގެ ދާއިރާއިން އުފަންވި ލޯބި އަދިވެސް ދެގޮތެއް ނުވެ އެބައޮތެވެ.