އަވަށްޓެރި ސްރީލަންކާ އަށް ދިމާވެފައިވާ ސިޔާސީ މައްސަލަ ހައްލު ކުރެވުމަށް، އެ ގައުމުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވައިފި އެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވީ މިދިޔަ މަހު 26 ވަނަ ދުވަހު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވަކިކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕްކްސަ އައްޔަން ކުރި ހިސާބުންނެވެ.

ރައީސް ސިރިސޭނާގެ މީޑީއާ ޑިވިޝަނުން ބުނީ އިއްޔެ ހަވީރު ރައީސް އޮފީހުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި މަޖިލިސް ރައީސް، ކަރޫ ޖަޔަސޫރިޔާ އަށް ވެސް މި މަޝްވާރާގައި ބައިވެރިވުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. ސިިރިސޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފަ އެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ލަންކާގެ ސުޕްރީމް ކޯޓުން ވަނީ މަޖިލިސް އުވާލަން ނިންމި ނިންމުން ބާތިލުކޮށް، ޖެނުއަރީ މަހު އާންމު އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އެފަހުން ބޮޑުވަޒީރު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލިސް އިން ފާސް ކުރި އެވެ. ނަމަވެސް ސިރިސޭނާ ވިދާޅުވެފައި ވަނީ އެއީ ގާނޫނާ ހިލާފަށް ނެގި ވޯޓެއް ކަމަށާއި އެ ނިންމުން ބަލައި ނުގަންނަ ކަަމަށެވެ.