ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދާދި ފަހުން ސުޕްރީމް ކޯޓުން އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރުކޮށްފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް މިނިސްޓަރުކަން ދެއްވިގޮތާ މެދު ސުވާލު އުފައްދަން ފަށައިފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެއެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ މީގެ ކުރިން ތާއީދު ކޮށްފަ އެވެ.

އެ ހުކުމް އިސްތިއުނާފުކުރުމަށް ދެވަނަ ފަހަރަށް އިމްރާން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރުގައި ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލަ އެ ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.

ވަޒީރުންގެ ޝަރުތު ތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެހުކުމެއް ތަންފީޒްކޮށް ނިމުނުތާ، ނުވަތަ އެހުކުމަކުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކުކަމުގައިވުން ހިމެނެ އެވެ.

އެހެން ކަމުން ޝެއިހް އިމްރާންގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމުން ބަރީއަ ނުވަނީސް އޭނާއަށް މިނިސްޓަރުގެ މަގާމުގައި ދެމި ހުރެވިދާނެތޯ ބައެއް ގާނޫނީ ވަކީލުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެފަދަ ސުވާލުތަކެއް އުފެއްދިނަމަވެސް މިރޭ ޝެއިޚް އިމްރާނަށް މިނިސްޓަރު ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެެވެ.