17 Nov 2018, 23:46
ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތަކާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.
ރައީސް އިބޫ ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ މިއަދު ހަވާލުވެވަޑައިގެންފައިވާއިރު، ކުރިއަށް އޮތް 100 ދުވަސްތެރޭ ކުރައްވާނެ ކަންތައްތައް މިހާރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއްވެސް ކުރުމަށް ވަނީ ނިންމައިފައެވެ.
އެގޮތުން ރައީސް އިބޫގެ ފުރަތަމަ ދުވަހުވެސް، ހިޔާނާތުގެ ސަބަބުން ސަރުކާރަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ކޮމެޓީއެއް އުފެއްދުމަށް ވަނީ ނިންމައިފައެވެ.
ފާއިތުވި ސަރުކާރުގައި ކޮރަޕްޝަންގެ އެކި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެމްއެމްޕީއާރުސީން ދޫކުރި ރައްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ފައިސާ ވަނީ ގެއްލިފައެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް މިހާރުވެސް ހުންނެވީ ޖަލުގައެވެ.
އޭގެ އިތުރުން އެޗްޑީސީފަދަ ސަރުކާރުގެ އެކި މުވައްސަސާތަކިގައި ހިޔާނާތުގެ ބޮޑެތު ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ކުރިއަށް އޮތް 100 ދުވަސްތެރޭ ކުރަން ރާވައިފައިވާ އިތުރު ކަންތައްތައް
- ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި މިނިވަން މުވައްސަސާތަކަށް އައްޔަނުކުރާ ހުރިހާ މީހުން ގެއާއި އެމީހުންގެ އަނބިފިރިންގެ މުދަލާއި މާލީ ބަޔާން ހާމަ ކުރެވޭނެ އަދި ގަވައިދުން ރިވިއުކުރުން
- ނުހައްގުން މުއްސަނދިވުން ހުއްޓުވުމުގެ ގޮތުން ގާނޫނެއް މަޖިލީހަށް ހުށަހެޅުން
- ވިސްލް ބްލޯވިން ގާނޫނެއް މަޖިލީހަށް ފޮނުވުން
- ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެމީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތުނެގުން ހުއްޓުވުމަށް ގެނައުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން