ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އާ ބޭފުޅަކު ގެނެވިފައި ވަނީ އަވަށްޓެރި ސްރީލަންކާގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާ އުނދަރެހަކަށް އިރު އެރިއިރު، ލަންކާއަށް ސިޔާސީ ގޮތުން އުދަނގޫ ހާލަތެއް ކުރިމަތިވެފައި އޮތުމުން އަކަމާ ހިތާމަކުރައްވައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާއަކީ ރާއްޖޭގެ އައިލީ ގައުމެއް ކަމަށާއި އެ ގައުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ސްރީލަންކާއަށް އުނދަގޫ ހާލަތެއް މެނދުވެރިފައި އޮތުމަކީ ހިތަށް ކުޅަދާނަވާ ކަމެއް ނޫން. ދާދި އަވަހަށް އެ ދަތި އުނދަގުލުން އެ ގައުމު އަރައިގަންނާނެ ކަމަށް އުންމީދު ކުރަން. ލަންކާއަކީ ރާއްޖެއާ ދެބެއިންގެ ދެ ދަރި ގައުމެއް. އަދި ދިވެހިން މިއަދު މި ފާހަގަ ކުރާ ދުވަސް ދިވެހީންނަށް ފެނުނީ ސްރީލަންކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު،" ނިމިދިޔަ ރިޔާސީ ދައުރުގައި ސްރީލަންކާގައި ގިނަ ދުވަސްތަކެއްވަންދެން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވި ރައިސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ސްރީލަންކާގައި ސިޔާސީ ހަމަނުޖެހުން އުފެދުނީ މިދިޔަ މަހު 26 ވަނަ ދުވަހު ރައީސް ސިރިސޭނާ، ބޮޑުވަޒީރު މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވަކިކޮށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެމަގާމަށް އައްޔަން ކުރެއްވުމުންނެވެ.

ބޮޑުވަޒީރު ކަމުން ދުރުކުރި ރަނިލް ވިކްރަމަ ސިންގހަ ވިދާޅުވަނީ އެނާ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.