ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރާ ވަޑައިގެންފިއެވެ.

މޯދީ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހަވީރުއެވެ. ރައީސް އިބޫ ހުވާކުރެއްވުމަށްފަހު ރައީސް އޮފީހުގައި އިބޫ ވަނީ މޯދީ އާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރުމަށް ރައީސް އިބޫ ދެއްވި ދައުވަތު މޯދީ ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ.

ރައީސް އިބޫ އަށް ފަސޭހަފުޅު ދުވަހެއްގައި އިންޑިއާ އަށް ރަސްމީ ދަތުުރުފުޅެއް ކުރެއްވުމަށް މޯދީ ދެއްވި ދައުވަތު ރައީސް އިބޫވެސް ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ. މި ދަތުރުފުޅާ ގުޅެ މަޝްވަރާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިމަހުގެ 26 ގައި އިންޑިއާ އަށް ވަޑައިގަންނަވާނެއެވެ.