ހުޅުލެއާއި ވިލިމާލެ ފެރީ ޓިކެޓުގެ އަގު ބޮޑުނުކުރަން ނިންމައިފި އެވެ.

މާލެ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު )އަލިބެ( ވިދާޅުވީ، ފެރީ ޓިކެޓުގެ އަގު ބޮޑުނުކުރަން ނިންމީ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ )އެމްޓީސީސީ(ން މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އަދި އެމްޓީސީސީއަށް ލިބެމުންދާ ގެއްލުން ފޫބެއްދުމަށް ފެރީ ޓިކެޓުގެ އަގު ބޮޑުކުރުމުގައި ބަދަލުގައި އެފަރާތަށް މާލެ އިން ދޫކޮށްފައިވާ ބިންތައް ބޭނުންވާ މަސައްކަތެއް ކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ]އެމްޓީސީސީއަށް[ ދީފައިވާ ބިންތައް ]ކުންފުނީގެ ގެއްލުންތައް[ ފޫބެއްދޭ ގޮތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ގަނައިމަ، ދެން އަޅުގަނޑުމެން އެ ބަލައިފަ، އެއަށް އިސްލާހެއް އޮތިއްޔާ ގެނެސްފަ، އިސްލާހެއް ނެތީވިއްޔާ އަޅުގަނޑުމެން އެއަށް ހުއްދަ ދިނީމަ އެބޭފުޅުން މަސައްކަތް ކުރިއަށްގެންދަވާނެ. އެބޭފުޅުންނަށް ކުރިން ވެސް އެހުއްދަ ނުލިބި އޮތީމަ އެބޭފުޅުންނަށް އެގޮތަށް ނުނިންމި އޮތީ،" އަލިބެ ވިދާޅުވި އެވެ.

އެމްޓީސީސީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އެމްޓީސީސީއަށް ޓާމިނަލްތައް ހިންގުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލް ފިޔަވައި އެހެން ޓާމިނަލްތަކުގައި އިތުރު މަސައްކަތްތަކެއް ކުރުމުގެ ހުއްދައެއް ނޯވެ އެވެ.

އެމްޓީސީސީން ވިލިމާލެ އާއި ހުޅުމާލެ އަށް ދެމުންގެންދާ ފެރީ ޓިކެޓްގެ އަގު، އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ވިލިމާލެ އަށް ފަސް ރުފިޔާ އަށް އަދި ހުޅުމާލެ އަށް، އަށް ރުފިޔާ އަށް ބޮޑުކުރަން ނިންމީ ތެލުގެ އަގު ބޮޑުވެ، އެކުންފުންޏަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެކަމާ ގުޅިގެން ހުޅުމާލެއާއި ވިލިމާލެ ގިނަ ބަޔަކު ވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތައް މެދުކަނޑާލާފައިވަނީ މާލެ ސިޓީ ކައުންސިލުން އެމްޓީސީސީއާ މަޝްވަރާކޮށްގެން ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.