ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 60 ދުވަހު 5000 ހެލްމެޓް ބަހަން ނިންމައިފިއެވެ.

ރައީސް އިބޫ ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ މިއަދު ހަވާލުވެވަޑައިގެންފައިވާއިރު، ކުރިއަށް އޮތް 100 ދުވަސްތެރޭ ކުރައްވާނެ ކަންތައްތައް މިހާރު ވަނީ ހާމަކޮށްފައެވެ.

އެގޮތުން މާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ކެމްޕޭން ފަށައި 5000 ހެލްމެޓް 60 ދުވަސްތެރޭ ބެހުމަށް ވަނީ ނިންމައިފައެވެ.

މަގުތައް ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ކުރިއަށް އޮތް ހަފްތާއެއް ތެރޭ ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާކޮށް ގަވައިދުން ޕެޓްރޯލްކުރަން ފެށުމަށްވަސް ވަނީ ހަމަޖައްސައިފައެވެ.

  • އޭގެ އިތުރުން ކުރިއަށް އޮތް މަސް ދުވަސް ތެރޭވެސް ތިން ކަމެއް ފެށުމަށް ވަނީ ނިންމައިފައެވެ.

  • ބްރިޖްގައި ސަލާމަތީ ކެމެރާ އާއި ސްޕީޑް ދެނެގަންނަ ކެމެރާތައް ހަރުކުރުން
  • ތިމާވެއްޓާއި މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ފުލުހުންގެ ހިދުމަތް ފެށުން
  • ފުލުހުންނާއި އާންމުންގެ ހިޔާލާއެކު ޕޮލިސް ރިފޯމް ޕްލޭނެއް އެކުލަވާލުން

ކުރިއަށް އޮތް ނުވަދިހަ ދުވަސްތެރޭ މާލެ ހުޅުމާލެ އަދި ވިލިނގިލީ މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް އަދި އިރުގެ ހަކަތަ ބޭނުންކޮށްގެން ދިއްލާ އަލިކުރެވޭނެގޮތްތައް ހެދުމަށްވެސް ވަނީ ކަނޑައަޅާފައެވެ.