ކުރިއަށް އޮތް ހަފުތާ ތެރޭ ރާއްޖެ އިން ކޮމަންވެލްތު ގްރޫޕް އޮފް ނޭޝަންސްގައި ބައިވެރިވުމަށް ހުށަހެޅުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ކުރަން ނިންމާފައިވާ ކަންތަކުގެ ތަފްސީލު އާންމުކޮށް ރައީސް އޮފީހުން ޝާއިއުކޮށްފައިވާ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަސް" ގައި ބުނެފައި ވަނީ ހާރިޖީ ދާއިރާ އިން 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަމަކީ ކޮމަންވެލްތާ އަލުން ގުޅުން ގާއިމް ކުރުން ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވެފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ ކޮމަންވެލްތުން ވަކިވާން ނިންމީ ރާއްޖޭގެ ދާހިލީ ކަންކަމަށް ކޮމަންވެލްތުން ނުފޫޒު ފޯރުވާތީ ކަމަށެވެ.

ރާއްޖެ ކޮމަންވެލްތާ ގުޅުނީ، 1982 ގަ އެވެ. ކޮމަންވެލްތާ އަލުން ގުޅުން ގައިމް ކުރުމަކީ ރައީސް އިބޫގެ އިންތިހާބީ ވައުދުފުޅެކެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވެރި ވުމަށް ހުށަހެޅޭނީ އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުންނެވެ.