ކ. ހުރައަށް މި މަހުގެ ނުވަ ވަނަ ދުވަހު ތަޖުރިބާ ދަތުރެއްގައި ގޮސްއުޅެނިކޮށް ހިރިޔާ ސްކޫލްގެ ހަތަރު ކުއްޖަކާއި އެ ސްކޫލްގެ ޕްރިންސިޕަލް ނިޔާވި ހާދިސާ އާ ގުޅިގެން އެ ދުވަހުގެ ދަތުރުގައި ބައިވެރިވި ޓީޗަރުންނާ ބައެއް ބެލެނިވެރިން މިއަދު ބައްދަލުކޮށް ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.

ހިރިޔާ ސްކޫލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެކުދިންނާ އެކު އެ ދުވަހު ދަތުރު ދިޔަ ބިދޭސީ ހަތަރު ޓީޗަރަކާއި ދިވެހި ޓީޗަރެއްގެ އިތުރުން ހެލްތު އެސިސްޓެންޓް ބައިވެރިވެފައިވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިޔަކު މިއަދު ބުންޏެވެ.

އެ ބައްބައްދުލުވުމަށް ދިޔަ، އަދި އެ ދަތުރުގައި ނިޔާވި، މަރިޔަމް ޝައިހާގެ މަންމަ އައިޝަތު ވަހީދާ މިއަދު ބުނީ މިއަދުގެ ބައްދަލުވުމުން ވެސް އޭނާގެ ދަރިފުޅު ފުންގަނޑަށް ގެނބި މަރުވާން ދިމާވި ސަބަބު ސްކޫލަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ފުންގަނޑާ ކައިރިއަށް ކުދިންނަށް ދެވުނީ ކިހިނެއް ކަން ޓީޗަރުންނަށް ވެސް ބުނެދޭން ނޭނގުނު ކަމަށް ވެސް ވަހީދާ ބުންޏެވެ.
~
"އެމީހުން އެބަ ބުނޭ އެތަނުގައި ފުންގަނޑެއް އޮތް ކަމެއް ނޭނގެއޭ އެކުދިން ގޮވައިގެން ދިޔައިރު. އެ ކުދިންނަށް އެތަނަން ދެވުނީ ކިހިނެއް ކަމެއް ވެސް އެމީހުން ނަކަށް ވެސް ނޭނގޭ،" ވަހީދާ ކުރި ސުވާލުތަކަށް ދިން ޖަވާބު އޭނާ ހިއްސާ ކުރި އެވެ.

ވަހީދާ އަދި ބުނީ މިއަދުގެ ބައްދަލުވުމުން އެނގުނު އަނެއް ކަމަކީ އެ ކުދިން މޫދުން ނެގި އިރު އެ ކުދިންނަށް ހެލްތު އެސިސްޓެންޓް ސީޕީއާރު ދީފައި ނުވާ ކަމަށެވެ. އަދި ކުދިން ގެނބިގެން އުޅުނު ވަގުތު ހެލްތު އެސިސްޓަންޓް މަސައްކަތް ކުރީ އެކި ތަންތަނަށް ގުޅައިގެން އެހީ ހޯދަން ކަމަށް ވެސް އޭނާ ބުންޏެވެ.

ވަހީދާ ބުނީ ކުދިން ގެނބެން ފެށުމުން އެކުދިންނަށް އެހީވުމުގެ ގޮތުން ވަލެއް ހޯދުމަށް ފިޝަރީޒް ސައިންސް ކިޔައިވައިދޭ ޓީޗަރު އެސްޕިން މަސަކަތް ކުރި ކަމަށް މިއަދުގެ ބައްދަލުވުމުގައި އޭނާ ބުނި ކަމަށެވެ. ނަމަވެސް އެ ޓީޗަރަކީ ފަތަން ދަންނަ ޓީޗަރަކަށް ވެފައި އެ ކުދިން ކައިރިއަށް އަވަހަށް ދިއުމުގެ ބަދަލުގައި ވަލެއް ހޯދަން އުޅުނު ވާހަކައަކީ ބުއްދި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެމީހުން ބުނެދޭން މަސައްކަތް ކުރީ މިއީ ގުދުރަތީގޮރުން އެއްވެސް ބައެއްގެ އިހްމާލެއް ނެތި ހިނގާފައިވާ ކަމެއް ކަމަށް. ނަމަވެސް އަޅުގަނޑަށް އެކަން ގަބޫލެއް ނުކުރަން." ވަހީދާ ބުންޏެވެ.

ވަހީދާ ބުނީ އެ ކުދިން ދަތުރު ގެންދިއުމުގެ ކުރިން ސްކޫލުން ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލަވުމުގައި އެ ދަތުރުގައި އެއްވެސް ބެލެނިވެރިއަކު ގެންދާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ސްކޫލުން ބުނި ކަމަށެވެ. ނަމަވެސް، މިއަދު އެ ޓީޗަރުން އެކަމަށް އިންކާރު ކުރި ކަމަށް އޭނާ ބުންޏެވެ. އަދި އެ ދަތުރުގައި ބެލެނިވެރިން ނުގެންދިޔައީ ދަތުރުގައި ބައިވެރިވާނެ ބެލެނިވެރިއަކު ނެތުމުން ކަމަށް ސްކޫލުން މިއަދު ބުނި ކަމަށް ވެސް ވަހީދާ ބުންޏެވެ.

"އަޅުގަނޑު އެހިން އިތުރު ބެލެނިވެރިއެއްގެ ގާތު އެއީ ތެދެއްތޯ. އެކަމަކު އޭނާ ވެސް ބުނި ބެލެނިވެރިން ގެންދާ ދަތުރެއް ނޫން ކަމަށް ސްކޫލުން ކުރިން ބުނި ކަމަށް،" ވަހީދާ ބުންޏެވެ.

އެކަމާ ގުޅިގެން ހިރިޔާ ސްކޫލްގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.

ހިރިޔާ ސްކޫލް ކުދިން ގެނބުނު ހާދިސާއާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައެޅި ހަތް މެންބަރެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން ތައްޔާރު ކުރި ރިޕޯޓް މީގެ ތިން ދުވަސް ކުރިން ވަނީ ބެލެނިވެރިންނާ ހިއްސާކޮށްފަ އެވެ.

ނަމަވެސް ގިނަ ބެލެނިވެރިންގެ ސުވާލުތަކަށް އެރިޕޯޓުން ޖަވާބު ލިބިފައެއްނުވެ އެވެ. އަދި މީޑިއާ އާ އެ ރިޕޯޓު ހިއްސާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް އެ ރިޕޯޓު މީޑިއާ އަށް ހާމަނުކޮށް ލަސްވާ ސަބަބު އެޑިއުކޭޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.