ސަރަހައްދުގެ ހަމަޖެހުންދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސްއޮފީހަށް ވަޑައިގެން ރައީސް އިބޫ ކުރެއްވި ފުރަތަމަ ރަސްމީ މަސައްކަތަކީ މޯދީއާ ބައްދަލު ކުރެއްވުމެވެ.

އިބޫ އާއި މޯދީ ބައްދަލު ކުރެއްވުން -- ފޮޓޯ: ޓްވީޓާ

މި ބައްދަލުކުރެއްވުމުގައި މޯދީ ވަނީ ރާއްޖޭގެ ރައީސްކަމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ރައީސް އިބޫ އަށާއި ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގާތް ގުޅުން އިބޫގެ ވެރިކަމުގައި އިތުރަށް ބަދަހިކުރުމަށްވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ރައީސް އިބޫ އާއި މޯދީގެ ބައްދަލުކުރެއްވުމާ ގުޅޭ ތަފްސީލު އާންމުކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން ނެރުނު ޖޮއިންޓް ސްޓޭޓުމެންޓުގައި ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމް ކުރުމަށް އިންޑިއާ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފޫޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ރާއްޖެއާއި އިންޑިއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސްޓޭޓްމެންޓުގައި ބުނެފައިވެއެވެ.

އާ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިންޑިއާއާއެކު މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ. ރާއްޖޭގެ ރަށްރަށުގައި ބޯހިޔާވަހިކަމާއި ސާފުބޯފެން އަދި ނަރުދަމާގެ ނިޒާމު ގާއިމް ކުރަންޖެހޭކަމަށް އިބޫ ވަނީ މޯދީ އަރިހު ވިދާޅުވެފައެވެ.

އިބޫ އާއި މޯދީ ބައްދަލު ކުރެއްވުން -- ފޮޓޯ: ޓްވީޓާ

ސަރުކާރުގެ ވައުދުތައް ފުއްދުމަށް އިންޑިއާ އިން އެއްބާރުލުންދޭނެކަމަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީ ވަނީ ދެއްވައިފައެވެ. އަދި އެ ކަންކަން ފުރިހަމަކޮށް ރާއްޖޭއަށް ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް މޯދީ ވަނީ ރައީސް އިބޫއަށް ދެއްވައިފައެވެ.

ރާއްޖެ-އިންޑިއާ ވިސާގެ ކަންތަކާ ގުޅޭގޮތުންވެސް ދެގައުމުގެ އެންމެ މަތީ ވެރިން ވަނީ މަޝްވަރާ ކުރައްވާފައިކަމަށް ދެ ގައުމު ގުޅިގެން ނެރުނު ސްޓޭޓުމެންޓުގައި ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ރައީސް އިބޫ ދެއްވި ދައުވަތު މޯދީ ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ. އަދި ރައީސް އިބޫވެސް އިންޑިއާ އަށް ޒިޔާރަތްކުރެއްވުމަށް މޯދީ ދެއްވި ދައުވަރު ރައީސް ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ.

އިންޑިއާ އާއި ރާއްެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އާ ސަރުކާރުގެ ފޮރިން މިިސްޓަރު މިމަހުގެ 26 ގައި އިންޑއިާ އަށް ވަޑައިގަންނަވާނެ އެވެ.

މޯދީ އާއި ރައީސް އިބޫގެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.