ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ރައީސް އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް އިބޫ ވަނީ ފާއިތުވި ފަސް އަހަރު ތެރޭ ރާއްޖެ ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިސަރުކާރުގެ އިސް ވާޖިބެއް ކަމަށާއި، ރައީސް އިބޫގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އިސްކުރައްވާނީ ރާއްޖޭގެ އެންމެ މަސްހަލަތު ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޑިޕްލޮމެސީއަށް ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ.

"ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްގުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް،" ރައީސް އިބޫގެ ތަގުރީރުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އިބޫގެ ވެރިކަމުގައި އިންޑިއާ އާއި އެހެން އަވަށްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތަރައްގީ މަޝްރޫއުތަކަށް އެހީތެރިވާ އަދި ރާއްޖެއާ އެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ގައުމުތަކާ އެކު ރާއްޖެއިން ގުޅުން ބަދަހި ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގަ ވަޑައިގެންނެވި އެވެ.

އެއީ ބޮޑުވަޒީރު މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހަމަޖެހުނު ނަމަވެސް ރާއްޖެއަށް ވަޑައިގަނެވޭ ގޮތް ވަނީ ނުވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު މޯދީ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހުނު ނަމަވެސް، ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން ރާއްޖޭގައި މުޒާހަރާ ކުރަން ފެށުމުން އެދަތުރު ފަސް ކުރެއްވީ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.