17 Nov 2018, 19:30
ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރަހިމަ ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިޔާތުގައި ގައުމާ މުހާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ރައްޔިތުން އެމެނިކުފާނަށް ވޯޓު ދެއްވީ ރާއްޖެ އިންސާފުގެ މަގަށް ގެންގޮސް އަމާންވެއްޓެއް ގާއިމު ކުރުމަށާއި ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް ކަމަށެވެ.
ރައީސްކަމުގެ ހުވާ މިއަދު އެމަނިކުފާނު ކުރައްވާއިރު ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އިބޫ ވިދާޅުވި އެވެ. އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާ ގެއްލިފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ. އަދި ކޮރަޕްޝަނާއި އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ އަދަދު އަދިވެސް ސާފުނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމުގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ޤާނޫނީ ރައްކާތެރިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކަށަވަރުކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.
އިންސާފުގެ މަގަށް ކަންކަން ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި އަށަގަނެފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ސަގާފަތް ނައްތާލުން ކަމަށް އިބޫ ވިދާޅުވި އެވެ.