ސްޕެއިންގެ އަދި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާ އަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށް އެ ކްލަބުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ކޮންމެ ޓީމަކަށް ވެސް ބާސާ ބަލިކުރެވިދާނެ ކަމަށް ގާޑިއޯލާ ގަބޫލު ކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި މެސީ ހެޓްރިކާއެކު، އެތްލެޓިކޯ މެޑްރިޑް އަތުން 5-0 ލަނޑުން ބަލިކޮށް ބާސެލޯނާ އިން ދަނީ ގޯލުގެ ފައިދާ ނަގަމުންނެވެ. އެތްލެޓީކޯ ގެ މައްޗަށް ކާމިޔާބީ ހޯދުމުގެ ހަތް ދުވަސް ކުރިން އޮސަސޫނާ އާއި ދެކޮޅަށް ކުޅުނު މެޗުން 8-0 ލަނޑުން ބާސާ މޮޅުވެފައި ވެއެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ވެލެންސިއާ އާއި ރެއާލް ސޮސިއެޑާޑުން ބާސާގެ ބަލި ފަޔަކީ ކޮބައިކަން ފާހަގަކޮށް އެޓީމު ހިފަހައްޓާފައި ވެއެވެ. ވެލެންސިއާއިން 2-2 ލަނޑުން ބާސެލޯނާ ހިފަހައްޓާފައި ވާއިރު، ސޮސިއެޑާޑުން ބާސާ ހިފެހެއްޓީ 0-0 ލަނޑުންނެވެ.

"އަހަރެމެންނަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫން. ކޮންމެ ޓީމަކަށް ވެސް ބާސާ ބަލިކުރެވިދާނެ. އަހަރެމެން ރަނގަޅު ކުޅުމެއް ދައްކާ ކާމިޔާބީ ހޯދަމުން ދާނަމަ ކުލަބުގެ ސަޕޯޓަރުންވެސް އުފާކުރާނެ. އެއީ އަހަރެމެންނަށް އެންމެ މުހިންމު ކަމަކީ ވެސް." ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މާދަމާރޭ ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ ބާޓޭ ބޮރިސޯވް އާއެވެ. މާދަމާރޭ 11:45 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗު ކުޅޭނީ ބާޓޭ ބޮރިސޯވް ގެ ދަނޑުގައެވެ.