17 Nov 2018, 18:31
ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށް ނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ކަމުގެ ހުވާ އިބޫ ކުރެއްވީ މިއަދު ހަވީރު ފަހެއް ޖެހި އިރު ގަލޮޅު ދަނޑުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ހުރިހާ ދާއިރާއަކުން ރާއްޖެއަށް ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ.
އަދި އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭ ސަރުކާރަކަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
" ތަފާތު ސިޔާސީ ފިކުރުތައް ބަދަހިކަމާއެކު ހިފެހެއްޓުމަށް އަޅުގަނޑު ކުރަންޖެހި، ނުކޮށް އޮތީ މިވެނި ކަމެކޭ ބުނެވޭނޭ އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ދިވެހި ގައުމަށް އިހުލާސްތެރިވުމަށް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ކުރި ހުވަޔާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.
" މިއަދު އެންމެ ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް މި އަރުވަނީ، ﷲގެ ވާގިފުޅާއެކު އަޅުގަނޑު މި ކުރި ހުވަޔާ އެއްގޮތަށް އަމަލުކުރުންމަތީ ދެމިހުންނާނެ ކަމުގެ ޔަޤީންކަން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.
އަދި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވި ސަބަބު އެންމެ ހިނދުކޮޅައްވެސް ހަނދާނުން ފުހެވިގެން ނުދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
" ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދުމެ ހަނދާން ބަހައްޓަންވާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މީހާގެ ކުލަޔަށް އުފަންވި ރަށަށް، ގެންގުޅޭ ސިޔާސީ ފިކުރަކަށް ބެލައި ތަފާތު ނުކުރާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ބާކީވެގެން ނުދާނެ ކަމަށެވެ.