ފަނޑިޔާރުގެޔަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިއަދު ހަވީރު ގޮލޮޅު ރަސްމީ ދަނޑުގައި ބޭއްވި އެމަނިކުފާނުގެ ރައީސް ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމާ ޙަވާލުވެވަޑައިގަންނަވާ އިރު ޤަބޫލުފުޅުކުރެއްވެނީ، ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރެވިގެންދާ ތަން ފެނުން ކަމަށް ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަ ކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.

"ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހީން ކުރި ތަޖުރިބާއިން އެނގުނު ޙަޤީޤަތަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން. ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަން. ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފަދައިން، ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން. ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ގާނޫނީ ޢިލްމާއި، ޝަރީއަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރަން ޖެހިފައިވާކަން،"

އެކަންތައްތަކަކީ އެމަނިކުފާނުގެ ސަރުކާރުގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ކުރާން ފަށާނެ ކަންތައްތައް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވ،ީ ދިވެހި ގައުމު ވެއްޓެފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް ހައްގުތައް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށާއި ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި އެއްވެސް ވައުދެއް ހަނދާން ނައްތާ ނުލައްވާނެ ކަމަށެވެ.

"ރައްޔިތުން ވޯޓުދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެށްޓެއް ޤާއިމުކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވަޢުދުތަކުގެ މައްޗަށް. މީގެތެރެއިން އެއްވެސް ވަޢުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވަޢުދެއް ނޫން."

އެމަނިކުފާނު ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުން ދެކޭނީ އެންމެހާ ކަންކަން އިންސާފުގެ މަގަށް އެނބުރިގެންދާ މަންޒަރު ކަމަށެވެ.

ޝަރުއީ ދާއިރާގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރައީސް ސޯލިހު ފާހަގަ ކުރެއްވި އިރު، އެމަނިކުފާނުގެ ކެމްޕެއިންގެ ކުރިން، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަށް ވަނީ އެކި މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް ޔާމީން އަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.